މެރީޑިއަމަށް ދޫކުރި 19 މިލިޔަން ރުފިޔާގެ ތެލުގެ މައްސަލައިގެ ލިއުންތައް ފެނިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް ހޯދައި ހައި ކޯޓާ ހަވާލުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޕްރިންޓްކޮށްފައިވާ ލިޔެކިއުންތައް ގެއްލުނަސް އެ ލިއުުންތައް ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުރި ކަމަށެވެ.

"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލް އަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އޭއްޗިހި ވަނީ މިހާރު ހައިކޯޓުގައި،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މެރީޑިއަމް އަށް ދޫކުރި ތެލުގެ ލިޔެކިއުންތައް ގެއްލުނީ ފުނަދޫގައި ހުއްޓައި ކަމަށާއި އޭރު އެތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށެވެ.

ހައި ކޯޓްގައި އޮތް އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމް ކުރާ ހިސާބަށް ގޮސްފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އަވަސްކުރެވޭތޯ އުޅުނު ނަމަވެސް އެކަން ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް ޑޮކިއުމެންޓްތައް އިތުރަށް ބަލައިދިނުން އެދި އެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި މެރީޑިއަމަކީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ނޫނެވެ.