ރައްޔިތުންނަށް އޮޅުވާލައި ސަރުކާރު ފެއިލްވެއްޖެ: އިދިކޮޅު

މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ނިއުސް ބްރީފިއެއްގައި، މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައިވާއިރު، ޕީޕީއެމާއި ޕީއެންސީން ތުހުމަތު ކުރާ ގޮތުގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް އޮޅުވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ، ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަންނަން ފައިސާ ދައްކާފައިވާ 140 މީހުންނަށް ސަރުކާރުން ފްލެޓް ދޫކުރުމާއި ދޭ ފްލެޓެއްގެ ޖުމްލަ އަގުން މިހާރު ދައްކާފައިވާ ފައިސާގެ އަދަދު އުނިކޮށް، ބާކީބައި ވަކި މުއްދަތަކަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ފްލެޓަކަށް ޖެހޭ ވަރަކީ 11،000ރ. ކަމަށް ސަރުކާރުން ބުނުމާއި މާލެ އާއި ތިލަފުއްޓާ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަންތައްތަކަށް ރައްދު ދެއްވައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ހިޔާގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 5،600ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. ނަގަން ހަމަޖެއްސި ކަމަށެވެ. އެއީ މުޅި ޖުމްލަ 6،600ރ. އެވެ.

އޭނާ ވިދާޅުވީ ގުޅީފަޅުން ފްލެޓު ގަނެފައިވާ މީހުންނަށް، ހުޅުމާލެ އިން ފްލެޓު ދިނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާ ކަމެއް ކަމަށާއި އެކަން ގެޒެޓު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ހަގީގަތާ އެއްކޮށް ވާހަކަފުޅު ވިދާޅުނުވެވެނީ ކީއްވެތޯ ސުވާލު އެބަ އުފެދޭ. ޕީޕީއެމް، ޕީއެންސީގެ ފަރާތުން ސަރުކާރު ޒިންމާދާރު ކުރުވަން، ޖަވާބުދާރީ ކުރުވަން މި ދައްކާ ވާހަކަތަކުގެ ސަބަބުން ޕްރެޝަރަށް ވަޑައިގަންނަވަނީތޯއޭ މި ސަރުކާރުގެ އިސްބޭފުޅުން،؟ މުއިއްޒު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނޭ. ރައީސް އޮފީހުގައި ހުންނާނެ ލިޔެކިޔުންތައް ހިސާބުތަކާ އެއްކޮށް. ކީއްވެތޯ އެ އެއްޗެހި ބޭނުން ނުކުރައްވަނީ؟،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ ތެރެއިން މި ސަރުކާރުން މިހާތަނަށް އާ މަސައްކަތެއް ނުފަށާ ކަމަށެވެ.

ސައީދު ވިދާޅުވީ މެނިފެސްޓޯގައި ހުރި މަޝްރޫއުތައް ހިންގަން މި އަހަރުގެ ދައުލަތުގެ ބަޖެޓުން ހަމަޖެހިފައި ނެތް ކަމަށް ބުންޏަސް މިއީ، އާ ސަރުކާރުން ބޭނުންވާ ގޮތަށް ތައްޔާރުކުރި ބަޖެޓެއް ކަމަށެެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެކި ބޭފުޅުން މަޝްރޫއުތަކާ ގުޅޭގޮތުން ދައްކާ ވާހަކަ ވެސް ދިމައެއް ނުވެ އެވެ.