ގެމަނަފުށީ މަސްވެރިން މަސް ބާނަނީ. ރާއްޖޭގައި ބޭރުގެ ބޯޓްތައް ހަރަކާތްތެރިވާކަމުޔގެ ޝަކުވާ މަސްވެެރިން އަބަދުވެސް ކުރޭ -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް
10 ޖުލައި 2019 - 12:57
ރާއްޖޭން ބޭރުގެ މަސްބޯޓްތަކުން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އިއްޔެ ހުށަހެޅުއްވި އެ ގަރާރު ރިޔާސަތުން މިއަދު އިއްވި އެވެ.
ރާއްޖޭގެ މަސްވެރިން އާއްމުގޮތެއްގައި ކޮށް ނޫޅޭ މަސްވެރިކަމެއް ކަމަށްވާ ލޯބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް އޮޕަރޭޓްކުރާ ބޭރުގެ ބޯޓްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އޭގެ އިތުރުން އެބާވަތުގެ މަސްވެރިކަން ކުރަން ހުއްދަ ދީފައިވާ ރާއްޖޭގެ ބޯޓްތަކަށް ވެސް ވަކި އުސޫލުތަކެއް ކަނޑައަޅަން ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ލޭނު ބޯޓްތަކުން އާއްމުގޮތެއްގައި ބާނަނީ ލޯބޮޑު ކަންނެއްޔެވެ. އެއީ އާއްމުކޮށް ދިވެހިން ބާނާ އުޅޭ ރީނދޫ އުރަހަ ކަންނެއްޔަށް ވުރެ މާ ފުނުގައި އުޅޭ ބާވަތެކެވެ.
ޝިފާއުގެ ގަރާރުގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި ފަސް ކުންފުންޏަކުން އޮޕަރޭޓްކުރާ ބޭރުގެ 28 ބޯޓަކަށް ލައިސަންސް ދޫކޮށްފައިވެ އެވެ. އެ ބޯޓްތައް ހަރަކާތްތެރިވަނީ ހުއްދަކޮށްފައިވާ ސަރަަހައްދުގައިތޯ ފިޝަރީޒް މިނިސްޓްރީން ބެލި ނަމަވެސް އެ ބޯޓްތަކުން ބާނާ މަހުގެ ބާވަތާއި ފެންވަރު ނުބެލޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ. އެހެންވެ މައިގަނޑު ތިން ކަމެއް ކުރަން ގަރާރުގައި ހުށަހަޅާފައިވެ އެވެ.
1- ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން ބޭރުގެ ފަރާތްތަކަށް ދީފައިވާ ހުއްދަތައް ބާތިލުކުރުން.
2- ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހުންނަން ޖެހޭނެ ފެންވަރާއި ފަޅުވެރިންގެ ހުންނަން ޖެހޭ ފެންވަރު ކަނޑައެޅުން
3- މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި ކުރުން މަނާވާނީ ކޮން ބާވަތްތަކެއް ކަނޑައެޅުން
ގަރާރުގައި ގޮވާލާފައި ވަނީ އެ ފިޔަވަޅުތައް އަޅަން ފިޝަރީޒް މިނިސްޓްރީއަށާއި ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމަށް
އެ ބޯޓްތަކާ ބެހޭ ގޮތުން ކުރީ ސަރުކާރުގެ ދުވަސްވަރު ނޫސްވެރިން ސުވާލުކުރުމުން އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައިވަނީ އެއީ ބޭރު ބޯޓްތަކެއް ނޫން ކަމަށާއި އެއީ ދިވެހި ކުންފުނިތަކުން އޮޕަރޭޓްކުރާ ބޯޓްތަކެއް ކަމަށެވެ. އަދި އެ ބޯޓުތައް ހަރަކާތްތެރިވާނީ ރާއްޖޭގެ މަސްވެރިން އާއްމުކޮށް މަސްވެރިކަން ކޮށް އުޅޭ ވަރަށް ވުރެެ ބޭރުން ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ ސަރުކާރު
10 July 2019
މަޖުލިހަށް ބިލެނޫންލާންވީ އިންޑިޔާލައްވާ އަދި ކޮއްމެ ގަލަކަށް ރާޑަރެހަރުކޮށް 10ވަރަކަށްހާސް ސިފައިން މިތާބައިތިއްބަ އިންޑިޔާގެ ރާޑަރަކަށް ނާރާ މިރާއްޖެއަށް ވަގަށް މަސްނަގަން ވަންނަބޯޓެ ޑްރަގް އެތެރެކުރާބޯޓެ ރާޑަރަށްއަރަނީ ހަމައެކަނި ޗައިނާގެ ކާގޯބޯޓުތަ ޝަމާލޫ ހައެއްކަ ހެލިކޮޕްޓަރުގެނެސް ދުއްވަން އިންޑިޔާއަށް ހުއްދަދީ. އަހަރެންހީކުރީ މިހާރު މިރާޑަރަށްނުފެނި ހިންޏެވެސް މިގައުމުގ ނުދުވާ\ނޭކަމަށް މަތިންނާ ތިރިންނާ ރާޑަރުން ގުޅާލާފަ އޮތީމަ އެކަމަކުދޯ
މުހައްމަދުއަލީ
10 July 2019
އިއްޒަތްތެރި މެމްބަރު ޝިފާއުގެ މައުލޫމާތުގެ ކުށެއް އުޅޭ ކަމަށް ލަފާކުރެވޭ. ދިވެހިރާއްޖެއަކުން ފާއިތުވީ 10 އަހަރު އެއްވެސް ބޭރުގެ އުޅަނދަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައިމެ ނުވަތަ ދިވެހިރާއްޖޭގެ ދިދަ ޖަހައިގެން ބޭރު ކަނޑުތަކުގައި މަސްވެރިކަން ކުރުމުގެ ހުއްދައެއް ދީފައިނުވޭ. ލޭނު މަސްވެރިކަމުގައި ވަކިބާވަތެއް ހިފުން ނުވަތަ ނުހިފޭނެ ކަމަށް ބެލުމަކީ ކުށްހީއެއް. ފުންމިން އެޖަސްޓްކޮށްގެން ވަކިބާވަތެއް ހިފުން މަދުކުރެވިދާނެ.
ޒޫ/މާލެ
10 July 2019
މިހާރު ހާދަ ގަރާރު ގިނަވެއްޖެޔޭ. ގަރާރު ހަދަން ކޮމެޓީއެއް ހަދަން ވަރަށް ފެނޭ.