މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސްގެ ސިޓީފުޅެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ ދަތުރުގައި، މޮރިޝަސް އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތުއާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅެއް އަރުއްވައިފި އެވެ.


ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މޮރިޝަސް އަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތުގަ އެވެ. ޝާހިދާއި ޖަގްނައުތު ބޭއްވެވި ބައްދަލުވުމުގައި މަހުލޫފު ވެސް ބައިވެރިވަޑައިގެންފި އެވެ.

ބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން މިހާތަނަށް 10 ފަހަރު ބައިވެރިވެފައިވާ ކަމަށާއި ދިވެހި އެތުލީޓުންނަށް މި ސަރަހައްދުގެ ގައުމުތަކުން ދިން މެހުމާންދާރީ އަނބުރާ ދޭން ރާއްޖޭން ބޭނުންވާ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ތާއީދު ހޯއްދަވަން ޝާހިދާއި މަހްލޫފު ގެންދަވަނީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ.