މިވަގުތު އެންމެ އިސްކަންދޭންވީ ސިޓީ ސްކެއާ އަށް؟!

މިއީ، އައްޑޫގެ ތަރައްގީ އަށް ފެންބޮވައިގެންފައިވާ އެތައް ބަޔަކު މިއަދު އުފައްދާ ބޮޑު ސުވާލެކެވެ. އައްޑޫގެ އެތައް ބައެއްގެ ތާއީދާ އެކު މި ސަރުކާރު ވެރިކަމަށް އައިތާ އަށް މަސް ވީއިރު، ހިތަދޫގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކަށް އައްޑޫ ސިޓީ ސްކެއާ ނުވަތަ އައްޑޫ ޕާކް ތަރައްގީ ކުރުން އެޖެންޑާ އަށް ލުމަކީ ބައެއް މީހުންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވެ އެވެ. އެއީ ހިތަދޫގެ ރީތިކަމާއި އާންމުންގެ ހިތްހަމަޖެހުމާ ގުޅިފައިވާ ތަނަކަށް ވި ނަމަވެސް އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމާއި އަޑިގުޑަން ވެފައިވާ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ވުރެ ބޮޑު އިސްކަމެއް ސިޓީ ސްކެއާ އަށް ދޭތީ އެވެ.


"އަހަރެމެން މި އުޅޭ ދަތި ހާލަށް ބަލާއިރު، ޕާކެއް މުހިންމެއް ނޫން. އެ އަށް ވުރެ މާ ރަނގަޅު މި ރަށުގެ މަގުތައް ހަދައި ދިނިއްޔާ. ނިކަން ބަލާބަލަ މި ރަށުގެ އެތައް ސްކޫލެއް [ޝަރަފުއްދީން ސްކޫލް ހިމެނޭ ސަރަހައްދު] ހިންގާ ސަރަހައްދުގެ މަގުތައް. ތި ޕާކަށް ވުރެ މި ވަގުތަށް މާ މުހިންމު ހަމައެކަނި އެ މަގުގައި ތާރުކޮޅެއް އަޅައި ދިނަސް،" ކޮންމެ ދުވަހަކު ހެނދުނު ޝަރަފުއްދީން ސްކޫލަށް ދެ ކުދިން ގޮވައިގެންދާ ބެލެނިވެރިއަކު ބުންޏެވެ.

"ވާރޭ ނުވެހުނަސް، ޝަރަފުއްދީން ސްކޫލް އެ ހުންނަ މަގުން ރީއްޗަށް ދުއްވާފައި ދެވެނީކީ ނޫން. ހުސް ވަޅުގަނޑުތައް ހުރީ. އަދި ވާރޭ ވެހިއްޖިއްޔާ މާ ހާލުގައި އުޅެނީ. ހިތަދޫ މީހުން މުޅި އުމުރު މި ހޭދަކުރީ އެ ހާލުގައި."

ހިތަދޫގައި ސްކޫލްތައް އެންމެ ގިނަ ސަރަހައްދަށް ރަށުގެ ބޮޑުމަގުން ދެވެން އޮންނަ މަގު ހެދުމަށްޓަކައި އެއް ފަޅީގައި ޕޭވްމަންޓު ހަދާފައި: އެކަމަކު، އެ މަސައްކަތް އަލުން ނުފަށައި ދިގުލައިގެން ގޮސްފައިވާތާ އެތައް ދުވަހެއް ވަނީ ވެފައި.---ފޮޓޯ: މިހާރު

ޝަރަފުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެވެ. ހިތަދޫ ބޮޑުމަގުން ޝަރަފުއްދީން ސްކޫލާ ދިމާއަށް ދެވެން އޮންނަ ހުރަސްމަގުގައި އޭރު ވަނީ ޕޭވްމަންޓު ހަދައިފަ އެވެ. ދެން އޮތީ އެ މަގުގައި ތާރު އެޅުމެވެ. އެކަމަކު، ވެރިކަން ބަދަލުވުމަށް ފަހު، އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

އައްޑޫގައި ކުރިން ހިންގި ސްޓޭޓް ހައުސް އަދި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އަރިމަތިން އޮންނަ ހުސް ސަރަހައްދުގައި ސިޓީ ސްކެއާ އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ގުޅުވައިގެން ހެދި އެ ސްކެއާ އަށް އެމަނިކުފާނުގެ ވެރިކަމަށް ފަހު ތަރައްގީއެއް ނާދެ އެވެ. އެހެންވެ، އަނެއްކާ ވެސް އެމްޑީޕީގެ ވެރިކަމާ އެކު، އައްޑޫ ސިޓީ ކައުންސިލްގެ އިސް މަސައްކަތަކަށް ވީ ބޮޑު ސިންގާ ބިމެއްގައި ހަދާ ސިޓީ ސްކެއާ އަލުން ތަރައްގީ ކުރުމެވެ.

ސިޓީ ކައުންސިލްގެ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ސިޓީ ސްކެއާ ތަރައްގީ ކުރަމުން އަންނައިރު އައްޑޫ މޭޔަރު ސޯބެ ވެސް ގަބޫލު ކުރައްވާ ގޮތުގައި މިވަގުތު ޕާކް ހެދުމަކީ އެންމެ އަސާސީ ކަމެއް ނޫނެވެ.

"އެކަމަކު، ޕާކް ވެސް އޮންނަން އެބަޖެހޭ. މި ޕާކް ހެދުމަކީ އަޅުގަނޑުމެން ކައުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެން އެންމެ އިސްކަންދޭ ލިސްޓުގެ އެންމެ ކުރީގައި އޮންނާނީ އައްޑޫގެ ކަރަންޓުގެ މައްސަލަ،" އޭނާ ވިދާޅުވި އެވެ.

"މިއީ [ސިޓީ ސްކެއާ ތަރައްގީ ކުރުން] ބަޖެޓުގެ ތެރޭގައި އޮތް ޕްރޮގްރާމެއް. އެހެންވެ، އަޅުގަނޑުމެން ހިތަށް އެރީ ބަޖެޓު ލިބުނީމާ ދުލެއް ނުކުރާނަމޭ."

އައްޑޫ ސިޓީ ސްކެއާ ތަރައްގީ ކުރުމުގެ މަސައްކަތް މި ހަފުތާގައި ކުރަނީ.---ފޮޓޯ: މިހާރު

އައްޑޫ ސިޓީ ސްކެއާ ތަރައްގީ ކުރަނީ މޭޔަރު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑަށް ފެހިކޮށް އަދި ޓައިޓޭނިއަމް ފިނިޝިން އަކަށެވެ. އަދި ފެންއަރުވާވަޑާމާއި ފުޑްކޯޓުތައް އެ ތަނުގައި ހަދާނެ އެވެ. މީގެ އިތުރުން ސިޓީ ސްކެއާގެ މެދުގައި ހުންނާނީ ދިދަ ދަނޑިއެކެވެ. ދިދަ ދަނޑި ނަގާފައި ހުންނަ ކޯއްޓޭގެ ވަށައިގެން ޗާލު ބުރެއް ފެންނާނެ އެވެ.

"އަޅުގަނޑުމެންނަށް މިކަމަށް ދެއްވި ފައިސާގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަވަނީ ދިދަ ދަނޑި ނަގާ ކޯއްޓޭގެ ވަށައިގެން އޮންނަ ބުރަށް. އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް،" ސޯބެ ވިދާޅުވި އެވެ.

މާ ބޮޑު އިސްކަމެއް ދީގެން، އައްޑޫ ސްކެއާ ތަރައްގީ ކުރާތީ އައްޑޫގެ މީހުން ރުޅި އަންނަ މައްސަލާގައި މޭޔަރު ވިދާޅުވީ، އެކަން އެހެން ދިމާވަނީ ބައެއް ވަޒީރުން ދައްކަވާ ވާހަކަތައް އޮޅުވާލައިގެން ފަތުރާތީ ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުތަކަށެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

"ޕްލޭނިން މިނިސްޓަރަށް [މަޖިލީހުގައި] ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމަށާއި ބަނދަރު ހެދުމަށް ބަޖެޓުގައި އެކަން ވާ ވަރަށް ފައިސާއެއް ނެތޭ. އެއީ ތެދެއް. މިނިސްޓްރީގެ މައުލޫމާތުގައި އެ ކަމެއް ނެތޭ. އެއީ ވެސް ތެދެއް. މަގު ހެދުމާއި ބަނދަރު ހެދުން ފަދަ ކަންކަމަކީ އެކިއެކި މަޖިލިސް މެމްބަރުން އޭރު [ބަޖެޓަށް] ލެއްވި އެއްޗެެއް. އެ ބޭފުޅުންގެ ވިސްނުން ހުރީ ތިން އަހަރަށް ބަޖެޓު ޕްރޮގްރާމް ކުރެވޭއިރު، ފުރަތަމަ އަހަރު އަހަރު ފަށައިގެން އަންނަ އަހަރުގެ ބަޖެޓަށް ބާކީ ބައި ލައިގެން ކުރިއަށް ގެންދިއުން،" މޭޔަރު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްގެ ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަސްލަމް މަޖިލީހުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި އޮތީ ވަރަށް ކުޑަކުޑަ އަދަދެއް ކަމަށެވެ. ބަޖެޓުގައި އޮތް އަދަދަކީ "މާ ބޮޑު ކަމެއް" ކުރެވޭނެ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވެފައި ވަނީ، މަރަދޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައި އޮތް ކަން ލިޔެކިޔުންތަކެއް އެނގެން ވެސް ނެތް ކަމަށެވެ.

އަސްލަމް އެ ދުވަހު ވިދާޅުވެފައި ވަނީ. މަރަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީތެރިކަމާ އެކު އެވެ.

"އެކަމަކު، އެ ވާހަކަތައް އެ ދުވަހު ވަރަށް ބޮޑަށް ޓުވިސްޓުކޮށްގެން ރިޕޯޓު ކުރެވުނީ. މިނިސްޓަރު ވިދާޅުވިއޭ އައްޑޫގެ ބަނދަރާއި މަގު ހަދާކަށް ބަޖެޓުގައި ފައިސާއެއް ނެތޭ. އެގޮތަށް ވީމާ މި ކަންކަމާ ގުޅުވާފައި ބުނާނެ ފައިސާ އެބަހުއްޓޭ ސިޓީ ސްކެއާ ހަދަން. މަގު ހަދަންވީމާ ފައިސާއެއް ނެތޭ. އެހެންވީމާ ކަން ނޭނގޭ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރާ ސަބަބަކީ،" ސޯބެ ވިދާޅުވި އެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލް ހުންނަ ސަރަހައްދުގެ މަގު: މިއީ ޒަމާނުއްސުރެ ވަޅުތައް ހެދި، އެތައް ހާސް ބަޔަކު ބޮޑު ތަކުލީފެއް ކުރިމަތިވާ މަގެއް. އެކަމަކު، ހައްލެއް ހޯދައި ނުދެވުނު.---ފޮޓޯ: މިހާރު

އެކަމަކު، ސިޓީ ސްކެއާ އަށް ވުރެ މާ ބޮޑަށް ވެސް އަސާސީ ކަންކަމުން އައްޑޫ މީހުން ތިބީ މަހުރޫމްވެފަ އެވެ. އައްޑު އަކީ މާލެ ފިޔަވައި އެންމެ ގިނަ ދުއްވާ އެއްޗެހި ދުއްވާ ތަން ކަމަށް ވާއިރު، އައްޑޫގެ މަގުގެ ހާލަތު އިންތިހާ އަށް ދަށެވެ. ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ހިތަދޫގެ ލިންކް ރޯޑުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ހިނަގައިބިނގައި އުޅުމަށް ވަރަށް ބޮޑަށް ދަތިވެ އެވެ. އެއީ ތާރު އަޅާފައި އޮތް މަގެއް ކަމަކު، ވިއްސާރަ ދުވަސްވަރެއްގައި އެއީ ނުހަދައި އޮންނަ މަގެކޭ ތަފާތެއް ނެތެވެ. ޕޭވްމަންޓު މަތީގައި ވެސް އޮންނަނީ ފެންގަނޑެވެ. އައްޑޫގެ ރަށްރަށުގެ އެތެރޭގެ ހާލަތު އަދ އެ އަށް ވުރެ ދަށެވެ.

އައްޑު އަށް އިއްޔެ މެންދުރު ފަހުން ވެހެން ފެށި ވާރޭގައި ހިތަދޫ ލިންކް ރޯޑުގެ ބައެއްގައި ފެންބޮޑުވެފައި: މިއީ އާންމު މަންޒަރެއް.

މޭޔަރު ވިދާޅުވި ގޮތުގައި، އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް މި ސަރުކާރާ އެކު، އައްޑޫ ސިޓީ ކައުންސިލަށް ބަދަލުވި ފަހުން، ކުރިއަށް ވުރެ ބާރަށް މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ކުރިން އެމްޑީޕީ ސަރުކާރު އޮތް ދުވަސްވަރު އައްޑޫ ސަދަން ޔުޓިލިޓިސް އަދި ފަހުގެ ސަރުކާރުތަކުން އެމްއާރުޑީސީން ކުރި މަސައްކަތަށް ވުރެ މާ ރަނގަޅަށް އައްޑޫ ސިޓީ ކައުންސިލުން މަގުތައް މަރާމާތު ކުރާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އެކަމަކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދިޔަ މީހަކު ކިޔައިދިން ގޮތުގައި، ހޮސްޕިޓަލަށް ދެވޭ ގޮތަށް އޮންނަ މަގުތަކުގެ ހާލަތު އަދިވެސް ދަށް ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގެ ކަންމަތީގައި ތާރުފަށަލަ އާއި ނުހަދާ އޮތް މަގު ގުޅުނު ސަރަހައްދުގައި ހެދިފައި އޮތް ވަޅުގަނޑު ދުވަހަކު ވެސް އައްޑޫ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ނައި ކަމަށް އޭނާ ބުންޏެވެ.

ހިތަދޫ ހޮސްޕިޓަލް ކައިރީގައި ހެދިފައިވާ ވަޅުގަނޑެއް: ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމެއް ވެސް ނުލިބޭ.---ފޮޓޯ: މިހާރު

"ކާރެއް ދުއްވާފައި ދާ ނަމަ އެ ވަޅުގަނޑަށް އަބަދު ބަލަންޖެހޭ. ހިނގާފައި ދާ މީހެއް ނަމަ އެ އަށް ސަމާލުކަން ދޭންޖެހޭ. ކާރު ދުއްވާފައި ދާއިރު، ކިރިޔާ ވެސް ބާރަށް ގޮސްފިއްޔާ ކާރުގެ ދަށް އެ ވަޅުގަނޑުގައި ޖެހޭނެ. އެކަމަކު މި ތަންކޮޅު ރަނގަޅު ކޮށްލާނެ ބަޔަކު ނެތް،" އޭނާ ޝަކުވާ ކުރި އެވެ.

ހިތަދޫގައި ޗާލު، ރީތި، ޒަމާނީ ޕާކެއް މާލެއެކޭ އެއްގޮތަށް ހެދުމަކީ ގޯސްކަމެއް ނޫނެވެ. އެކަމަކު، އައްޑޫގެ މީހުންގެ ވާހަކަތަކަށް ބަލާއިރު، އެ މީހުންގެ ހިތުގެ އުދާސްތައް ހުރީ މާ މަތީގަ އެވެ. އެތައް ޒަމާނެއް ހޭދަކުރީ ބައެއް އަސާސީ ޚިދުމަތްތައް ނުލިބި އެވެ. އައްޑޫގެ އާބާދީގެ ބޮޑު ތާއީދަކާ އެކު، އައި ސަރުކާރެއް މިހާރު އޮތް އިރު، އަދި ސިޔާސީ ގޮތުން ހުރިހާ ބާރެއް [ރައްޔިތުންގެ މަޖިލިސް އާއި ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް] އެމްޑީޕީ އަށް ދިނުމުން އުންމީދުތައް އަދި މާ މަތިވާނެ އެވެ. ބެލެވޭ ގޮތުގައި، މިއަދު އައްޑޫން ފެންނަނީ އެ އުދާސްތަކެވެ.

ޒަމާނުއްސުރެ، އައްޑޫގެ ތަރައްގީގެ ކަންކަމުގައި ބޮޑެތި ގޯސްތައް ހެދިފައި އެބަހުއްޓެވެ. އެކަން ރަނގަޅު ކުރުމަށް މިއަދު ކުރިމަތިވާނެ ޕްރެޝަރު ކުޑަވާނެހެން ހިއެއް ނުވެ އެވެ.