އައްޑޫ ހިތަދޫގައި ގާޑިޔާތައް ހިންގާ ސަރަހައްދުގައި "ވޯޓާ ފްރަންޓް" އެއް ތަރައްގީކުރުމަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓަށް އާންމުންގެ ހިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫ ވޯޓާ ފްރަންޓު ތަރައްގީކުރުމަށް އެކުލަވާލާފައިވާ ކޮންސެޕްޓަށް އާންމުންގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރަމުން އަންނަ ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސާވޭއަށް ހާއްސަ އޮންލައިން ފޯމު ފުރަން ވާނީ އައްޑޫ މީހުން ނުވަތަ އައްޑޫގައި ދިރިއުޅޭ މީހުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ވޯޓާ ފްރަންޓުގެ ޑިޒައިންގައިވާ ގޮތުން އެތަނުގައި މޮނިއުމެންޓުތަކާއި ކާރާއި ސައިކަލް ޕާކު ކުރާނެ ޖާގަތަކާއި ރެކްރިއޭޝަން ހަރަކާތްތަކަށް ބޭނުންކުރާ ޖާގަ އާއި ބެންޗުތަކާއި ހިނގުމަށާއި ދުވުމަށް ބޭނުންކުރާނެ ސަރަހައްދުތަކާއި ސްކޭޓް ޕާކަކާއި ފާހަނަބާރީގެ އިތުރުން ކިއޮސްކު ވެސް ހުންނާނެ އެވެ. އަދި އުޅަނދުފަހަރު އެޅުމަށް ޖެޓީއެއް ވެސް ހަދަން ވެސް ކޮންސެޕްޓުގައިވެ އެވެ.
އެ އިއުލާނުގައި ވަނީ ވޯޓާ ފްރަންޓުގެ ޑިޒައިންގެ ކުރެހުންތައް ވެސް ހިމަނައިފަ އެވެ.
ހިތަދޫ ވޯޓާ ފްރަންޓް ތަރައްގީކުރުމަށް އެކުލަވައިލާފައިވާ ކޮންސެޕްޓަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އައްޑޫ ސިޓީ ކައުންސިލުން އަދި ހާމައެއް ނުކުރެ އެވެ.