ރާއްޖޭގެ ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިއުމަށްޓަކައި އާދީއްތަ ދުވަހު ފުރަން ފަށާނެ ކަމަށާއި ހައްޖުވެރިން އެއާޕޯޓަށް ގެންދަން މިފަހަރު ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެެންސެއްގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހައްޖުވެރިންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ގެންދާނީ ހިލޭ ކަމަށާއި އެ އިންތިޒާމް އެމްޓީސީސީ އާއި އެމްއޭސީއެލްއާ ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ. ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް ފަހެއްގެ ނިޔަލަށެވެ. އެގޮތުން އާދީއްތަ ދުވަހު ހެނދުނު ފުރަތަމަ ފުރުމަށް ހަމަޖެހިފައި ވަަނީ ޒައީ ގްރޫޕުން ހައްޖަށް ދާ 84 ހައްޖުވެރިންނެވެ.
"ސަރުކާރުގެ ފަރާތުން ނިންމާފައި އޮތް އެއް ނިންމުމަކީ މާލެ، ވިލިމާލެ، އަދި ހުޅުމާލެއިން އެންމެހާ ހައްޖުވެރިންނާއި އެ ބޭފުޅުންގެ ގާތް އެކުވެރި ރަހުމަތްތެރިންނާ އާއިލާތައް ހަމަ އެއްކޮށް ހިލޭ ސާބަހަށް، ފެރީ އަދި ބަސް ބޭނުންކޮށްގެން އެއާޕޯޓަށް ގެންގޮސްދިނުން،" ޝާފިއު ވިދާޅުވި އެވެެ.
އެމްޓީސީސީ އާއި އެމްއޭސީއެލްއިން ބުނީ ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށްޓަކައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ވަކި ފެރީތަކަކާއި ބަސްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެ މީހުންނަށް ހާއްސަކޮށްފައިވާ ފެރީ އަދި ބަސް ވަކިން އެނގޭނެ ގޮތަކަށް ފާހަގަކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން އެދެނީ މާލެ އާއި ހުޅުމާލޭގައި ތިބި ހައްޖުވެރިން ދަތުރުކުރާ މަތިންދާބޯޓްތައް ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށްޓަކައި ޓާމިނަލްތަކަށް ދިއުމަށެވެ. އަދި ވިލިމާލޭގައި ތިބި ހައްޖުވެރިން ހަތަރު ގަޑިއިރާއި 15 މިނެޓް ކުރިން ޓާމިލަށް ދިއުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމް ފަސޭހަކުރުމުގެ އިތުރުން ސައުދީ އަރަބިއްޔާ އަށް ދިއުމުން ޖިއްދާ އެއާޕޯޓުގައި ވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަަޖައްސައި ދިނުމަށް މަސަކަތް ކުރަމުން އަންނަ ކަމަށް ޝާފިއު ވިދާޅުވި އެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ހައްޖު މިޝަން ދުރާލާ ސައުދީ އަށް ދަތުރުކުރީ އެހެންވެ ކަމަށެވެ.
"ހައްޖު މިޝަން މި ހަފްތާގެ އާދީއްތަ ދުވަހު، އެބޭފުޅުން ވަނީ މިހާރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައި އިނގޭތޯ. ހައްޖު މިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މިހާރު ހައްޖުވެރިންނަށް އެކޮޅުގައި ހަމަޖައްސަން ޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސަވަން މިހާރު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ،" އޭނާ ވިދާޅުވި އެވެ.
ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް އޮމާންކަމާ އެކު ކުރިއަށް ގެންދަން ސިފައިންނާއި ފުލުހުން ވެސް އެކަމުގައި ހަަރަކާތްތެރިވާނެ އެވެ. އެގޮތުން މާލޭ ބަސްޓާމިނަލާއި އެއާޕޯޓުގައި ކާރޫބާރު ބޮޑުވާނެތީ އެތަންތަނުގެ އިންތިޒާމްތައް ބަލަހައްޓާނީ ސިފައިންނާއި ފުލުހުންނެވެ. އަދި ވިލިމާލޭގައި ތިބޭ ހައްޖުވެރިން މާލެ އަށް ދަތުރުކުރުމުގައި ވެސް ސިފައިން އެހީތެރިވާނެ އެވެ.