ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޝަރީފް ކޮމިޓީ އަށް ދޮގު މައުލޫމާތު ދިން މައްސަލަ ޕޮލިހަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.


މަޖިލިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ ޝަރީފް ކޮމިޓީ އަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު، މާލިއްޔަތު ކޮމިޓީގައި ޝަރީފް ހެއްދެވީ ކޮން ދޮގުތަކެއް ކަމެއް ނިއުޝާ ވިދާޅެއް ނުވެ އެވެ.

އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ވެސް ނިއުޝާ ނުދެއްވަ އެވެ.

ބީއެމްއެލްގެ ވެރިން މިދިޔަ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ބީއެމްއެލް ޖަވާބުދާރީ ކުރުވުމަށެވެ. ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަަމަށް ތަކުރާރުކޮށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ބޭންކުން އަމަލުކުރީ ގާނޫނާއި ގަވައިދުތަކާއި ބޭންކުން އަމަލުކުރަން ހުންނަ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަން ސާބިތުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ބޭންކުން ދެއްކި ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. އެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ބޮޑު ޚިޔާނާތް ހިނގާފައި ވަނީ ބީއެމްއެލްގެ ވެސް ބައިވެރިވުން އޮވެގެންނެވެ.

އެމްއެމްޕީއާރުސީގެ ޗެކްތަކެއް، މި ޚިޔާނާތުގެ އެންމެ އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކުރަމުން ދިޔައިރު އެކަން ނުހުއްޓުވުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ، މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ބީއެމްއެލް އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޝަރީފްގެ މައްސަލަ މަޖިލިހުން ފުލުހުންނަށް ހުށަހެޅި އިރު، ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލިހަށް ހާޒިރުވެވަޑައިގެން ދޮގު މައުލޫމާތު ދޭ ކަން ފާހަގަކުރެވިއްޖެ ނަމަ، ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހު ވަނީ ދެއްވައިފަ އެވެ.

ނަޝީދު ވިދާޅުވީ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް ބޭފުޅުން "ސާފު ބަހުން ވާހަކަ ނުދައްކަވާ" ކަމަށެވެ. އަދި ކޮމިޓީތަކުގެ މުގައްރިރުން އެމަނިކުފާނު އަރިހު އެ ޝަކުވާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.