މާލި ހެދެނިކޮށް ފިހުނު ކުއްޖާގެ ހާލު މިހާރު ރަނގަޅު: ހޮސްޕިޓަލް

އިއްޔެ ހަވީރު އީދު ކުޅިވަރު ކުޅެން މާލި ހެދެނިކޮށް ގައިގައި ރޯވެގެން ފިހުނު އައްޑޫ މީދޫ ހަސަން ޖިހާދުގެ ހާލު މިހާރު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


އޭނާގެ ގައިގައި ރޯވެ، ހަށިގަނޑުގެ 50 ޕަސަންޓް ފިހިގެން އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމީދޫ ސިއްހީ މަރުކަޒުގަ އެވެ.

އެކަމަކު ފަހުން ހޮސްޕިޓަލަށް ގެންގޮސް އެތަނުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޖިހާދު ބެއްލެވި ޑޮކްޓަރާ ހަވާލާ ދެއްވައި ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އޭނާ އަށް ސީރިއަސް ޒަހަމެއް ލިބިފައި ނުވާ ކަމަށާއި ހާލު މިހާރު ރަނގަޅު ކަމަށެވެ.

އިތުރު ފަރުވާ އަަށް ޖިހާދު މާލެ ގެންދެވޭތޯ އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ފްލައިޓުން ޖާގަ ލިބޭ ގޮތް ނުވެގެން އަދި ވަނީ ފުރޭ ގޮތް ނުވެ އެވެ.

ޖިހާދުގެ ގައިގައި ރޯވީ މާލި ހެދެން ގައިގައި ކަފަ އާއި ފޮތި އޮޅައިގެން އުޅެނިކޮށް، ފޮތި ފަށެއްގައި އެހެން ކުއްޖަކު ލައިޓަރުން ރޯކުރުމުން ގައިގައި އަލިފާން ހިފައިގެން ކަމަށް މީދޫން ވާހަކަ ދެއްކި ބައެއް މީހުން އިއްޔެ ބުންޏެވެ.