ވަގު ޕާސްޕޯޓް ދެނެގަންނަ ނިޒާމެއް ގަަން އެއާޕޯޓުގައި ގާއިމްކޮށްފި

ޕާސްޕޯޓް ފަދަ ޑޮކިއުމަންޓްތަކުގެ ސައްހަކަން ދެނެގަތުމަށް އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓްގައި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ގާއިމުކޮށްފި އެވެ. އެ ލެބް އިފްތިތާހުކޮށް ދެއްވީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވެސް ބައިވެރިވަޑައިގަތެވެ.


އިމިގްރޭޝަނުން ބުނީ، ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބްގެ ބޭނުމަކީ ޕާސްޕޯޓް ފަދަ މީހުންގެ ޝަހުސު އަންގައިދޭ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ލިޔެކިޔުންތައް ތަހުލީލުކޮށް، އެ ތަކެތި ބޭނުން ކުރަނީ ސައްހަ ގޮތުގައިތޯ ޔަގީން ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރުން ކަމަށެވެ.

އެގޮތުން، ގަން އެއާޕޯޓުން އެތެރެވާ އަދި ބޭރުވާ މީހުންގެ ތެރެއިން ސައްހަ ނޫން ޕާސްޕޯޓް ބޭނުން ކުރާ މީހުން ފަސޭހައިން ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބަކީ އިމިގްރޭޝަނުން ގާއިމުކުރި މިފަދަ ދެވަނަ ލެބެވެ. ފުރަތަމަ ލެބް 2015 ގައި ގާއިމުކޮށްފައި ވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. މި ލެބުތަކުގައި ބޭނުން ކުރާ އެންމެ މުހިއްމު އާލާތްތައް ކަމަށްވާ "ޑޮކިއުމަންޓް ވެރިފަޔާ" އަކީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަނުން ހަދިޔާ ކޮށްފައިވާ ތަކެތި ކަމަށް ވެސް އިމިގްރޭޝަނުން ބުުންޏެވެ.