އަދީބު ބަންދުކުރަން ނޭންގީ ހުކުމެއްގައި ހުރުމުން، މިނިވަންވި ފަހުން އަމުރަކަށް ނޭދޭ: ސުޕްރީމް ކޯޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދީފައި ނުވަނީ ކުރިން އޭނާ ހުކުމެއްގައި ހުންނެވުމުން ކަމަށާއި އެކަމަކު އޭނާ މިނިވަންވި ފަހުން އެފަދަ އަމުރަކަށް ދައުލަތުން އެދިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.


އެކި ކުށްތަކުގައި އަދީބްގެ މައްޗަށް އިއްވި ހުކުމްތައް ބާތިލް ކުރުމުން އޭގެ ތެރެއިން ޚިޔާނާތުގެ މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި ކުރިން އެދިފައިވާނެ ކަމަށާއި އެކަމަކު އެ އަމުރާ މެދު ކޯޓުން ގޮތެއް ނިންމާފައި ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުނުއިރު އަދީބު ހުންނެވީ އެހެން މައްސަލައެއްގައި ޖަލު ހުކުމެއްގައި ކަމަށާއި އަދި އޭރު އަދީބު ހުންނެވީ ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރުގައި ކަމަށެވެ. އެހެންވެ، އޭރު އަދީބުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށާއި އަދި އެހެން ހުކުމެއްގައި އޭނާ ހުންނެވުމުން އެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅެން އޮތީ ހަމައެކަނި ޕާސްޕޯޓް ހިފެހެއްޓުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭގެފަހުން އަދީބު ރާއްޖެ ވަޑައިގެން، ހުކުމް ތަންފީޒުކޮށް ނިމި، އޭގެ ފަހުން އޭނާ ބަންދުގައި ބަހައްޓަން އިތުރު އަމުރަކަށް ދައުލަތުން އެދިފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އޭގެފަހުން އޭނާ މިނިވަންވި ކަން ވެސް ދައުލަތުން އެ ކޯޓަށް އަންގާފައި ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ބިޝާމްއާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށާއި ކޯޓުތަކާ މެދު ނަފްރަތު އުފެދޭ ފަދަ އަމަލުތައް ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އަދީބާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކަނޑުމަގުން އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ދަނިކޮށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ހުއްޓުވައި، ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. އޭނާ ރޭ ރާއްޖެ ގެނެސް، ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ރޭ ވަނީ އޭނާ މިނިވަންކޮށްފަ އެވެ. އެކަމަކު އެ ކޯޓުގެ އިތުރު އަމުރެއްގެ ދަށުން ރޭ ފަތިހު އަނެއްކާވެސް އަދީބު ވަނީ ހައްޔަރުކޮށްފަ އެވެ.