މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރިކަން ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާނުކޮށްދީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަނބުރާ ފޮނުވާލައިފި އެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގ. ކީމާ، އަބްދުﷲ، 51، މަރުވި މައްސަލައިގައި އެކި ތަންތަނުން މައުލޫމާތު ހޯދައިގެން އެ މައްސަލައިގައި އިހުމާލުވި މޯލްޑިވްސް ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް ފޮނުވި ކަމަށެވެ. އެގޮތުން މިިދިޔަ އަހަރުގެ މެއި މަހާއި މި އަހަރުގެ ފެބްރުއަރީ މަހު ޕީޖީ އޮފީހަށް އެ މައްސަލަ ދިރާސާކުރަން ފޮނުވި ކަމަށް ބުންޏެވެ. ނަމަވެސް އެކަމުގައި ހިމެނޭ މެޑިކަލް އޮފިސަރުންނާއި ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެން ނެތްކަމަށް ޕީޖީން ބުނެފައިވާ ކަމަށް އެޗްއާރުސީއެމުން ބަޔާނުގައި ފާހަގަކުރި އެވެ.
"ނަމަވެސް، މި މައްސަލާގައި ޝާމިލްވާ މެޑިކަލް އޮފިސަރުންނާއި ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން މި މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތަތީއާ، އެ ފަރާތްތަކުގެ މައްޗަށް މި މައްސަލާފައި ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ނުވަތަ އިހުމާލުގެ ދައުވާއެއް ކުރެވިދާނެ ކަމަށް ކާފީ ހެއްކާއިި ގަރީނާ ލިބިފައިނުވާ ކަމަށާއި އަދި މި މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން އިހުމާލުވެފައިވޭތޯ ބަލާއިރު، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސްނެތި، ސިއްހީ ހިދުމަތް ދިނުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، މި ހާދިސާ ހިނގުމާ ހަމައަށް ކަރެކްޝަންގެ ފަރާތުން މާފުށީ ޖަލުގައި ސިއްހީ ހިދުމަތް ދިނުމަށް، ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސެއް ހޯދާފައި ނެތުމަކީ ހަމަ އެކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމެއް ނޫން ކަމަށާއި މި މައްސަލާގައި މިހާރު ހުރި ހެއްކާ ގަރީނާއަށް ބަލާއިރު ޖިނާއީ ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުނުކުރެވޭނެތީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ކޮމިޝަނަށް އަނބުރާ ފޮނުވައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އޮކްޓޯބަރު 10، 2017 ވަނަ ދުވަހު އަބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށްފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ، އަބްދުﷲ އަށް ފަރުވާ ދިނުމުގައި އެވަގުތު ޖަލުގެ މެޑިކަލް ސެންޓަރުގައި ތިބި ދެ ޑޮކްޓަރުން ވެސް ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ވެސް ނޫން ކަމަށް ބުންޏެވެ.
މާފުށީ ޖަލުގައި ސިއްހީ ފަރުވާ ދެމުންދިޔައީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ގާނޫނާ ހިލާފަށް ވުމުން އެކަން ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސަމާލުކަމަށް ގެނައި ކަމަށް ބުންޏެވެ. އޭގެ ފަހުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ވަނީ އޮގަސްޓް 5، 2018 ގައި ފަރުވާ ދިނުމަށް ރަޖިސްޓްރީކޮށްފައި ކަމަށް ބުންޏެވެ.
ޖަލު ބަންދުގައި ހުއްޓައި އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. އެހެންކަމުން އާއިލާ އިން ތުހުމަތު ކުރަނީ އަބްދުﷲ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.