އިސް ގާޒީ ހަސަން ސައީދާއި އިސް މެޖިސްޓްރޭޓް ރާގިބު ވަކި ކުރަން ލަފާ ދީފި

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިރޭ ލަފާ ދީފި އެވެ.


ޖޭއެސްސީ އިން ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ ހަސަން ސައީދާއި ރާގިބުގެ މައްސަލަ ބެލި ކުޑަ ކޮމިޓީގެ ރިޕޯޓް އެ ކޮމިޝަނަށް ހުށަހަޅައި އެ ބަލައިގެންފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން ދެ ބޭފުޅުންގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާ ޖޭއެސްސީ އަށް ސާބިތުވާ ކަމަށެވެ. އެކަމަކު، ޖޭއެސްސީގެ ބަޔާނުގައި ދެ ބޭފުޅުން ވަކި ކުރަން ނިންމި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

ރިޕޯޓަށް ޖަވާބުދާރީވުމަށް ޖޭއެސްސީ އިން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފި ނަމަ އޭނާގެ މަގާމު ގެއްލުނީ އެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ.

އެއީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ޖޭއެސްސީ އަށް ލަފާ ދީފަ އެވެ. އެކަމަކު، ޖޭއެސްސީން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.