އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން އަދީބު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ ހަފުތާގައި އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ކަނޑުމަގުން ވަޑައިގަންނަވަނިކޮށް އަތުލައިގަނެ، ރާއްޖެ ވަނީ ގެނެސްފަ އެވެ.

ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުން އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އަދީބު ކުރިން އަމަލުކުރި ގޮތުގެ މައްޗަށާއި މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު، އެ މައްސަލަ އެ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން އަމުރުކުރާ ކަމަށެވެ.

މީގެ އިތުރުން އެ އަމުރު ނެރުމާ އެކު، އަދީބު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން މި ހަފުތާގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ދެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން އަމުރު ކުރުމާ އެކު، މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި އަދީބު ކަރެކްޝަނަލް ސާވިސްގެ ދަށަށް ބަދަލުކުރަން ޖެހޭނެ އެވެ. ތަހުގީގު ނިމި އެކަމަކު ހުކުމެއް ކުރުމުގެ ކުރިން މީހުން ބަންދުކުރާ ރިމާންޑް ޖަލުތަކުގެ ގޮތުގައި ހުންނަނީ މާފުށީ ޖަލާއި މާލޭ ޖަލުގެ ބައެއް ޔުނިޓްތަކެވެ.

އަދީބު ޓަގު ބޯޓެއްގައި ބޭރަށް ވަޑައިގަންނަވަނިކޮށް އިންޑިއާގެ ކަނޑުގެ ސަރަހައްދުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އޭނާ ހުއްޓުވައި، ރާއްޖޭގެ ފުލުހުންނާ ހަވާލު ކުރުމުން އޭނާ ރާއްޖެ ގެނެސް، ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. އެކަމަކު އެރޭ އެ ކޯޓުގެ އިތުރު އަމުރެއް ހޯދައިގެން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ.