ތަޖުރިބާ ހޯދުމުގެ ދަތުރު ކާމިޔާބު: އައްޑޫ ހައި ސްކޫލް

ތަޖުރިބާ ހޯދުމަށް ލ. އަތޮޅަށް ފެށި ދަތުރު ވަރަށް ކާމިޔާބު ކަމަށް އައްޑޫ ހައި ސްކޫލުން މިއަދު ބުނެފި އެވެ.


އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ ތަޖުރިބާ ހޯދުމަށް 2011 ވަނަ އަހަރުން ފެށިގެން އައްޑޫ ހައި ސްކޫލުން ކޮންމެ ވެސް ރަށަކަށް ދަތުރުކުރާ ކަމަށެވެ. އެގޮތަށް އާއްމުކޮށް ދަނީ ހުވަދު އަތޮޅާއި ފުވައްމުލަކަށެވެ.

ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ހިމެނޭގޮތަށް 191 މީހުންގެ އެ ވަފުދު ލ. އަތޮޅަށް ދިޔައީ މިދިޔަ ހޯމަ ދުވަހެވެ. އަނބުރާ އައްޑޫ އަށް ފުރަން ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.

ހަމަދު ސްކޫލަށް ޒިޔާރަތްކުރި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ހަމަދު ސްކޫލު

އޭނާ ވިދާޅުވީ ސަގާފަތާއި ވާހަކަދެއްކުމުގެ ބަހުރުވަ ލ. އަތޮޅުގައި ތަފާތު ކަމަށެވެ. އަދި އާސާރީ ތަންތަން ވެސް އެހެން ރަށްރަށާ އަޅާ ބަލާއިރު ތަފާތު ކަމަށާއި އޭގެ ސަބަބުން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

މި ދަތުރުގައި ލ. އަތޮޅުގައި ކުރަން ޖެހޭ ހުރިހާ ޚަރަދަކާއި އިންތިޒާމެއް ހަމަޖައްސާފައި ވަނީ ގަމުގައި ހުންނަ ހަމަދު ސްކޫލުން ކަމަށް ނަދީމް ވިދާޅުވި އެވެ.

"ދަރިވަރުންގެ ފީޑްބެކް ވެސް ވަރަށް ރަނގަޅު. އިންތިޒާމްތައް ވެސް ވަރަށް ފުރިހަމަ،" އޭލެވެލް އަށް 386 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިިޕަލް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ އެގޮތަށް ކުރާ ތަޖުރިބާ ދަތުރުތަކުގެ އަސަރު ދަރިވަރުންނަށް ކުރާ ކަމަށެވެ. އެކަން ގައުމީ ފެންވަރުގައި ދަރިވަރުން ހޯދާ ނަތީޖާ އިން އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

ހަމަދު ސްކޫލަށް ޒިޔާރަތްކުރި އައްޑޫ ހައި ސްކޫލުގެ ޓީޗަރުންތަކެއް.-- ފޮޓޯ: ހަމަދު ސްކޫލު

މިދިޔަ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 17 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. ހަތަރު ދަރިވަރަކު ދުނިޔޭގެ އެއް ވަނަ ހޯދިއިރު ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން އެއް ދަރިވަރަކު ވަނީ ރާއްޖޭގެ އެއް ވަނަ ހޯދައި ރައީސްގެ ސްކޮލަޝިޕް ވެސް ހޯދައިފަ އެވެ.

"އެއް ދުވަހުން އަނެއް ދުވަހަށް ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން އަންނަނީ. އެކަމުގައި މިފަދަ ދަތުރުތައް ވަރަށް މުހިއްމު ރޯލެއް އަދާކުރޭ. ކިޔެވުމަށް ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބޭ،" ނަދީމް ވިދާޅުވި އެވެ.

އެ ދަތުރަށް ދަރިވަރުންގެ އަތުން ނަގާފައިވަނީ 500ރ. އެވެ. ބާކީ ހަރަދުތައް ކޮށްފައިވަނީ ސްކޫލުންނެވެ.