އަދުނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

މެރިން ޕޮލިސް ކުރީގެ ވެރިޔާ އަދުނާން އަނީސް ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.


ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދުނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރީ އޮގަސްޓް، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ރިޕޯޓެއް ނެރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަނޑައަޅައި، އޭނާ ވަކިކުރަން ފުލުހުން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމް އަދުނާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި ގިނަ އަދަދެއްގެ އިސް އޮފިސަރުންތަކަކަށް އަލުން ވަޒީފާދޭން މިދިޔަ އަހަރު ކޯޓުތަކުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމްތަކާ އެއްގޮތަށް އެ މީހުންނަށް އަލުން ވަނީ ވަޒީފާ ދީފަ އެވެ.