ޖިހާދު ވެސް ޖޭޕީ އަށް؛ އަމާޒަކީ ޕާޓީ އަށް ވެރިކަން ހޯދުން

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް، ވެރިކަންކުރާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ މިރޭ ގުޅިވަޑައިގެންފި އެވެ.


ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު ޖިހާދު ވިދާޅުވީ އަމާޒަކީ 2023 ގައި، ރާއްޖޭގެ ވެރިކަންކުރާ ޕާޓީއަކީ ޖުމްހޫރީ ޖޭޕީ ކަމުގައި ހެދުން ކަމަށެވެ.

ޖޭޕީގެ ޖަގަހަ، ކުނޫޒުގައި ބޭއްވި ހަފުލާގައި، ކުރީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދާއި މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރެއްވި ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޖޭޕީގައި ހުންނެވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިގްބާލް އާދަމް ވެސް އަލުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން ޖިހާދު ވިދާޅުވީ އެއްވެސް މަގާމެއް ބޭނުންފުޅުނުވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ސިޔާސީ ގޮތުން ވަރަށް "އެކްޓިވް"ވެ، ޖުމްހޫރީ ޕާޓީ އަކީ ރާއްޖޭގެ އެއް ނަމްބަރު ޕާޓީއަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ޕީޕީއެމްގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ޕާޓީ އަށް ސޮއިކުރައްވާއިރު ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު (ކ) އަދި ޕީޕީއެމްގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ޕާޓީ ލީޑަރު ބޭނުންވާ ނަމަ 24 ގަޑިއިރު ވެސް ހިދުމަތް ލިބޭނެ. ބޭނުމީ ޕާޓީ އަށް މީހުން އެތެރެކުރުމާ ޕާޓީ ލީޑަރު ބޭނުންވާ އެހީތެރިކަން ދިނުން،" ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖިހާދު ވިދާޅުވި އެވެ.

ގާސިމަށް ތައުރީފް ކުރައްވައި ޖިހާދު ވިދާޅުވީ ގާސިމްގެ އަރިހުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާތީ އެމަނިކުފާނަކީ ކިހާ ހިންގުންތެރި ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގެ ބަޖެޓު އެތައް ގުނައެއް އިތުރު ކުރެއްވީ ގާސިމްގެ ފިނޭންސް މިނިސްޓަރުގައި ކަމަށާއި އެގޮތަށް ޖޭޕީ ވެސް އިތުރު ހަރުފަތްތަކަށް ގެންދެވޭނެ ކަމުގެ ޔަގީކަން އެބައޮތް ކަމަށް ޖިހާދު ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖޭޕީގެ އަމާޒަކަށް ވާނީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ ވެރިއަކު ރާއްޖެ އަށް ގެނައުން ކަމަށެވެ. އެގޮތުން 2023 ގެ ރިޔާސީ އިންތިޚާބު ޖޭޕީގެ ކެންޑިޑޭޓަށް ކާމިޔާބު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ދިގު ދަތުރެއްގެ ފެށުން. ސިޔާސީ ޕާޓީއެއްގެ މަގުސަދަށް ވާންވާނީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުން،" އަޒްލީން ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ގާސިމް ޖަލަށް ލި އިރު ހޯމް މިނިސްޓަރަކަށް ހުންނެވި އަޒްލީން ވިދާޅުވީ ރާއްޖޭގައި ސިޔާސީގޮތުން އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންފައިވަނީ ގާސިމަށް ކަމަށެވެ. ގާސިމް މިހާތަނަށް އަމަލުކުރައްވާފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ (ކ-ވ) އަހްމަދު ނިހާން، އިބްރާހިމް ފަލާހް އަދި އަހްމަދު އައްސަދު މިރޭގެ ހަފްލާގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު ނިހާން ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ ގާސިމް ކަމަކަށް އެދިވަޑައިގެންފި ހިނދެއްގައި އެކަންކޮށްދެއްވުމަށް ކަމަށެވެ. ގާސިމަކީ ހަމައެކަނި ވެރިކަން ހޯދަން ބޭނުންކުރާ ވަސީލަތަކަށް ވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"މީގެ ފަހުން ޑިސިޝަން ނަގާނީ ޖޭޕީ. ގާސިމް އިބްރާހިމާއި މި ޕާޓީގެ ކައުންސިލުން ނިންމަވާ ނިންމުންތަކެއް ނިންމެވީމަ އެއީ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުން ފެށިގެން މިގައުމުގެ ރިޔާސީ ތަހުތުގައި އިށީނދެވަޑައިގަންނަވާ ކޮންމެ ޖިންސެއްގެ ބޭފުޅެއް ވިޔަސް އެ ބޭފުޅަކަށްވާނީ،" ނިހާން ވިދާޅުވި އެވެ.

ޖޭޕީއަށް ސޮއިކުރައްވަން ނިންމެވީ ގާސިމް މިއަދު ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށާއި އެއްވެސް މަގާމެއް ބޭނުން ނުވާ ކަމަށް ނިހާން ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖުމްހޫރީ ޕާޓީ ކުރިއެރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"ހަމަމަގަށް ދިވެހި ރާއްޖެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތުގައި އެ ދަތުރުގައި އަޅުގަނޑުމެންނަށް ފުރުސަތު ދެއްވީތީ އުފާކުރަން،"

ފަލާހް ވިދާޅުވީ އޭނާގެ އަމާޒަކީ ޖޭޕީގެ މެމްބަރުންގެ އަދަދު 80،000 އަށް އިތުރުކުރުން ކަމަށެވެ.