މިތިބީ ސަރުކާރާއެކު، ބޭނުމީ ޕާޓީ ބޮޑުކުރުން: ގާސިމް

ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ ސަރުކާރު ކޯލިޝަނުން ވަކިވާން ނޫން ކަމަށާއި އެ ޕާޓީގެ މަގުސަދަކީ ޕާޓީ ކުރިއެރުވުން ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް ޖޭޕީއާ ގުޅިވަޑައިގަތުމަށް މިރޭ ކުނޫޒުގައި ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވީ އެ ޕާޓީން ސަރުކާރުގެ ކޯލިޝަނުން ވަކިނުވާނެ ކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެއާ އެކު ޕާޓީ "ބޮޑުކުރަން" ވެސް މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކިކޮށް ބޭރުކޮށްލަންދެން އަޅުގަނޑުމެން ތިބޭނީ ކޯލިޝަންގައި. އަޅުގަނޑުމެން ކުރާ ކުށަކުން [ނުދާނެ]، އެހެނަސް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އާއި އިސްލާމް ދީނާ ހިލާފު ކަންތައްތަކެއް އަންނަންޏާ އަޅުގަނޑެއް އެޔަކަށް ވޯޓެއް ނުދޭނަން،" ގާސިމް ވިދާޅުވި އެވެ.

"ޖޭޕީ ބޮޑުކުރަން ކުރަންޖެހޭ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެންގެ 2023ގެ އިންތިޚާބާ ހަމައަށް. އަދި އޭގެ ކުރީ އަންނަ އިންތިޚާބުތަކަށް ވެސް ތައްޔާރުވާން ޖެހޭ."

ކުރީގެ ނައިބު ރައީސް ޖިހާދު އާއި ކުރީގެ މަޖިލިސް މެމްބަރު ނިހާން، އަދި ފަލާހް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގާސިމް ވިދާޅުވީ އެ ޕާޓީ ބޮޑުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާޓީގެ ގޮފިތައް އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ބޭނުންވަނީ ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކޮންމެހެންވެސް އެބަޖެހޭ އަޅުގަނޑުމެންގެ ޕާޓީގެ ނަމްބަރު އިތުރުކުރަން. 40،000 އިން 50،000 އިން ވިޔަސް. މިއޮތް އަދަދުގައި ހިފެހެއްޓޭކަށް ނެތް،" ތިން ވަނައަށް އެންމެ މީހުން ގިނަ ޕާޓީގެ ލީޑަރު ވިދާޅުވި އެވެ.

"ރޭހުގެ ފަހަތުގައި އޮތްއޮތުން ކުރިއަން އަރަން އަޒުމު ކަނޑައަޅައިގެން އަޅުގަނޑުމެން ކުރިއަށް ދެވޭނީ."

ސިޔާސީ ގޮތުން ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންތަކެއް ޕާޓީއާ ގުޅިވަޑައިގަތަސް ގާސިމް ވިދާޅުވީ އެއްވެސް ބޭފުޅަކާ ދޭތެރޭ ހިތުގައި ހަސަދަވެރިކަމެއް ނޯންނާނެ ކަމަށެވެ.

"އެއްވެސް ބަޔަކާ ދޭތެދޭ ހަސަދަވެރިކަމެއް އަޅުގަނޑުގެ ހިތުގައެއް ނުބާއްވަން. ސިޔާސީ ޕޯޑިއަމެއްގައި ކޮންމެ ވާހަކައެއް ދައްކާފައި ނިންމާލިޔަސް އެ އަޑު އަޅުގަނޑުގެ ކަންފަތަށް އިވޭއިރު އެހިސާބުން އެވާހަކަ ނިމޭއިރު އެ އަޑުތައް އަޅުގަނޑުގެ ކަންފަތުންނާއި ބޮލުން ވެސް އިންނާނީ ގޮސް،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޖިހާދު އާއި ކުރީގެ މަޖިލިސް މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭޕީއާ އެބޭފުޅުން ގުޅިވަޑައިގަންނަވަން ނިންމެވުމުން ކިޔާ ފާޑުކިޔުންތަކަށް ވެސް ގާސިމް ވަނީ ރައްދުދެއްވައިފަ އެވެ. އެބޭފުޅުނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެއީ މާގިނަ ސިޔާސީ ޕާޓީތަކަކަށް ގުޅިވަޑައިގެންފައިވާ ބޭފުޅުންތަކެއް ނޫން ކަމަށެވެ.

"ސިޔާސީ ކަންތަކުގައި އޮންނަނީ އިންޓްރެސްޓް. ނޮޓް ޓްރަސްޓް. އެހެންވީމާ އިންޓްރެސްޓް އޮތްގޮތަކަށް ކޮންމެ މީހަކުވެސްދާނެ. އެއީ ވަކި މީހަކު ރުޅި އަންނަންވީ، ވަކި މީހަކު ދެރަވާންވީ ވެސް ކަމެއް ނޫން،" ގާސިމަށް ކުރިން ފާޑުވިދާޅުވި މެމްބަރުން ސޮއިކުރެއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ކާމިޔާބުކޮށް ޕާޓީގެ ލީޑަޝިޕަށް އައުމުގެ ފުރުސަތު ހުރިހާ މެމްބަރުންނަށްވެސް އޮންނާނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެ ޕާޓީގެ ލީޑަރާއި ރައީސުންނަށާއި ނައިބު ރައީސުން ހޮވާނީ މެމްބަރުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާރު އެ މަގާމުތަކަށް މީހުން ހޮވަނީ ކައުންސިލްގެ ތެރެއިންނެވެ.

ގާސިމް ވަނީ މިސަރުކާރަށް ކަންކަން ނުވާކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނިމިދިޔަ އެހެން ސަރުކާރުތަކަށް ވެސް ކަންކަން ކުރެވެން ފެށީ ދެ އަހަރެއްހާ ދުވަސް ފާއިތުވިފަހުން ކަމަށެވެ. މިސަރުކާރުން ކަންކަން ކުރާނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު އެންމެ ރަނގަޅު އަގުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.