206 ކުށްވެރިން ވަނީ ޖަލުން މިނިވަންކޮށްފައި، ހުކުމެއް ނެތި 300 މީހަކު ޖަލުގައި: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، 206 ގައިދީއަކު ޖަލުން މިނިވަންކޮށްފައިވާ ކަމަށާއި އެއްވެސް ހުކުމެއް ނުކޮށް ޖަލުގައި 300 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރު ވެރިކަމަށް އައި ފަހުން، ބޮޑެތި ކިތައް ކުށްވެރިން މިނިވަންކޮށްފައިވޭތޯ ބެލުމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް އެއްވެސް ކުށްވެރިއަކަށް ލުޔެއް ނުވަތަ މާފެއް ވެސް ދީފައި ނުވާ ކަމަށެވެ. އަދި ބޮޑެތި އެއްވެސް ކުށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދެއްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މާފު ދެއްވުމުގެ އަސާސަކަށް ބައްލަވާފައި ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނެވެ. އެގޮތުން މީހަކު މެރުމުގެ ކުށާއި އިސްލާމީ ޝަރީއަތުގެ ހައްދު ކަނޑައެޅިފައިވާ ކުށާއި ޓެރަރިޒަމްގެ ކުށާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް ރައީސް މާފު ދެއްވާފައި ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ބައެއް ކުށްތަކަށް ލުޔެއް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މި ކުށްތަކުގެ ތެރޭގައި ހިމެނޭ 79 ކުށްވެރިއަކަށް ލުއި ދެއްވާފައިވާ ކަން ފާހަގަކުރަން. އޭގެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެ، ރާ ބޮއެފައިވާ މީހުންނާއި ވައްކަންކޮށްފައިވާ ބައެއް މީހުން މީގެ ތެރޭގައި ހިމެނޭ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަލަށް ރައީސް ކަމަށް ނުވަތަ ދައުލަތުގެ އިސް ވެރިއަކަށް ހަމަޖެހިގެން ދިއުމުން އެ ވަގުތަކަށް ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ފަހު، ރައީސް ނުވަތަ ވެރިއަކު އަފޫއާންމެއް ދެއްވުމުގެ އުސޫލެއް ގެންގުޅެމުންދާތީ ރާއްޖޭގައި ވެސް އެކަން އެގޮތަށް އޮތް ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޖަލުތަކުގައި ތިބި ގައިދީންނަށް ތަފާތު ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަ އެވެ. އަދި އދ. އާ ގުޅިގެން ކުރާ މި މަސައްކަތުން ބޮޑެތި ކުށްތަކަށް ގައިދީން އަރައިގަތުމުން ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައު އަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ތަމްރީން ކުރެވިގެން ނޫނީ ގައިދީން މިނިވަން ނުކުރެވޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ހުކުމެއް ނެތި ޖަލުގައި ތިބި މީހުންގެ މައްސަލަތައް ހައްލު ކުރަން ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓާ އެކުގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝަރީއަތްތައް އަވަސް ކުރެވި، މައްސަލަތަކަށް ދާއިމީ ނިމުމެއް، އެއީ ކުށް ސާބިތުވުން ކަމަށްވިޔަސް، ސާބިތު ނުވުން ކަމުގައިވިޔަސް، ދާއިމީ ހައްލެއް ގެނައުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ނުވަތަ އެކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ހޯމް މިނިސްޓްރީ އާއި ފުލުހުންގެ ފަރާތުން ކުރަމުންދާ ވާހަކަ ދަންނަވަން،" ހުކުމެއް ނެތި ކިހާ ބަޔަކު ޖަލުތަކުގައި ތިބިތޯ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވި އެވެ.