ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.


ރަނިލް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި މާލެ ވަޑައިގެން ރަސްމީ ފާލަމުން ފައިބައިވަޑައިގަތުމާ އެކު ރައީސްގެ ދެކަނބަލުން ވަނީ ރަނިލް އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަނިލްގެ ދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ސޮއިކުރަން ހަަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ލަންކާ އަށް ދާ ދިވެހިންނަށް ވިސާ ލިބުމުގައި މިހާރަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރާނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މަޝްވަރާތަކަށް ފަހުގަ އެވެ.

ރާއްޖޭގައި މާދަމާ ފަށާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ވެސް ރަނިލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރަނިލްގެ އަރިހުގައި ލަންކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށްދާނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ބައިވެރިވާނެ އެވެ. ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.