ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓު ޕީޖީ ލީޑަރުންގެ އަތުން އަތުލައިފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފްސީލް ރިޕޯޓު، ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރުމަށް ފަހު، ކުއްލި ގޮތަކަށް އެ ރިޕޯޓު އަތުލައިފި އެވެ.


އޮގަސްޓް 8، 2014 ވަނަ ދުވަހު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނު އިރު، ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ވަނީ މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު، ރިލްވާން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ޑިންގީއެއްގައި ގެންގޮސް އެހެން އުޅަނދަކަށް އަރުވައި ރިލްވާން މަރާލީ ކަމަށެވެ. އެކަމަކު ހެކި ބަހުގައި ފަރަގު ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށް އޭގައިވެ އެވެ.

ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑްރާފް ރިޕޯޓް އެ ކޮމިޝަނުން ހަވާލު ކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެވެ. މަޖިލިހުގައި އިއްޔެ އޮތް ބައްދަލުވުމެއްގައި އެ ރިޕޯޓު ނަޝީދާ ހަވާލުކޮށްދެއްވީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުއޫދު، މަޖިލިހުގެ ރައީސާ ރިޕޯޓު ހަވާލު ކޮށްދެއްވީ ސިއްރު ހެކިވެރިންނާއި ބަޔާންތަކާ ވެސް އެކުގަ އެވެ. އެކަމަކު، ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ވަކިން ބައްދަލުވުމެއް ބާއްވަވައި އެ ރިޕޯޓު އެ ބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.

މަޖިލިހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފެވެ.

އެނގިފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެ ރިޕޯޓު، ނަޝީދު ހިއްސާ ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، އެ ބޭފުޅުންގެ އަތުން ރިޕޯޓު ވަނީ އަތުލައިފަ އެވެ. އަދި އެ ރިޕޯޓު އަތުލާފައި ވަނީ އޭގެ ބަދަލުގައި ހުލާސާ ރިޕޯޓެއް ދޭނެ ކަމަށް ބުނެ ކަން އެނގިފައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ހިނގާ މުއްދަތުގެ ތެރެއިން ކޮންމެ ތިން މަހަކުން އެއް ފަހަރު، ކޮމިޝަނުން ކުރި މަސައްކަތާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލާއި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކާއި އެ މައްސަލަތައް ނިންމާފައިވާ ގޮތާއި ކޮމިޝަންގެ އިދާރީ ހިންގުމާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވަން ވާނެ އެވެ. އެކަމަކު، އެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް އެރުވި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ސުއޫދު ވަނީ ރިލްވާންގެ މައްސަލައާ ގުޅޭ ރިޕޯޓު އިއްޔެ އަރުވައިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ސުއޫދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވިގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.