އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކީ ރަފާ!

އައިޝަތު ރަފާ ނާޒިމަކީ ހަގީގީ އޯލްރައުންޑަރެކެވެ. ކިޔެވުމާއި ކުޅިވަރުގައި ވެސް އޭނާ އަކީ އެއް ނަމްބަރެވެ. ކުޅިވަރުގައި އޭނާގެ ފެންވަރު ސާބިތުކޮށްދިނީ ދާދި ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓޭބަލް ޓެނިހުން ރާއްޖެ އަށް ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔެއް ހޯދައިދީގެންނެވެ. ކިޔެވުމުގެ މަރުހަލާގައި ވެސް އެކަން ސާބިތުކޮށްދިނީ، ކިޔެވުމާއި ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި އެއް ހަމައެއްގައި ވާދަކޮށް ހޯދި ކާމިޔާބީއާ އެކު އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ ބެސްޓް އޯލްރައުންޑަރުގެ މަގާމް ހޯދައިގެންނެވެ.


މި އަހަރުން ފެށިގެން އޭ ލެވެލަށް ސީއެޗްއެސްއީގައި ކިޔަވަމުން އަންނަ ރަފާ އަކީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ކެމްބްރިޖް އައިޖީސީއެސްއީ ގައި އިންގްލިޝް އެސް އަ ސެކަންޑް ލޭންގުއޭޖް މާއްދާ އިން ދުނިޔޭގެ ނުވަ ވަނަ އެވެ. ރާއްޖޭގެ ގަދަ ދިހައެއްގެ ފަސް ވަނަ އަދި ސްކޫލުގެ ގަދަ ފަހެއްގެ ހަތަރު ވަނަ އެވެ. އަދި އަށް މާއްދަ އިން ޑިސްޓިންކްޝަން ހޯދައި ޑިސްކިންޝަން އެވޯޑް ވެސް ހާސިލްކުރި އެވެ. އެ ސްކޫލުގެ ޑެޕިއުޓީ ބޭންޑް ލީޑަރުކަން މިދިޔަ އަހަރު ކުރި ރަފާ ވަނީ ކިޔެވުމަށް އެންމެ މޮޅު ބޭންޑްސްމަންގެ މަގާމް 2016، 2017 އަދި 2018 ގައި ހޯދައިފަ އެވެ.

ރަފާ އިސްކަންދަރު ސްކޫލުގެ ލައިބްރަރީގައި ފޮތެއް ބަލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އެންމެ ޒަމާންވީ އެއް ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަންކޮށް 2017 ވަނަ އަހަރުކޮށް އަދި މިދިޔަ އަހަރު އެކްޓިވިޓީސް ކެޕްޓަންކަން ކުރި ރަފާ ކުޅިވަރުގައި އެންމެ ފުރަތަމަ ފާހަގަކުރެވުނީ އުމުރުން 11 އަހަރުގައި 2105 ވަނަ އަހަރުގެ އައިއޯއައިޖީ ސްކޮޑުގައި ހިމެނުމުންނެވެ. އެ މުބާރާތުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބުނެވެ.

އެކަމަކު އެ އަހަރުގެ ގައުމީ ފައިނަލުގައި ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ މުއީނާ މުހައްމަދަށް ވަރުގަދަ ފައިޓެއް ދިނެވެ. އަދި އާއިލާއާ އެކު ކުޑައިރު އިނގިރޭސި ވިލާތުގައި ދިރިއުޅުނުއިރު އެތަނުގައި ކުޅެން ފެށި ރަފާ ވަނީ ޖެހިގެން އައި އަހަރުގެ ފައިނަލުގައި، އޭގެ ކުރީ 13 އަހަރު ޗެމްޕިއަން މުއީނާ ބަލިކޮށްފަ އެވެ. އެ ތަށި މިދިޔަ އަހަރު ދިފާއުކުރި ނަމަވެސް މި އަހަރުގެ ފައިނަލުން ފާތިމަތު ދީމާ އަތުން ބަލިވީ އެވެ.

އެކަމަކު ދީމާވީ ރަފާގެ ވެސް ނަސީބަށެވެ. ދެ ކުޅުންތެރިންގެ ޕެއާ އަކީ ރާއްޖޭގެ ކުޅިވަރުގައި މިވަގުތު ފެންނަ އެންމެ އުއްމީދީ ޕެއާ އަށެވެ. ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން 2016 ވަނަ އަހަރު ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ދެ ކުޅުންތެރިންނަކީ މި އަހަރުގެ އައިއޯއައިޖީން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދިއިރު އެންމެ ބޮޑު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. އެ ދެ ކުޅުންތެރިންގެ ޕެއާ އިން ޑަބަލްސް ރަން މެޑަލް ވެސް ހޯދި އެވެ.

އައިއޯއައިޖީން ކާމިޔާބު ހޯދައިގެން ރަފާ އެނބުރި ރާއްޖެ އައުމުން އޭނާގެ މަންމަ ޑރ. ދީބާ (ކ) އޭނާގެ ގައިގައި ބައްދާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅިވަރަކީ، އޭނާއާ ކިޔެވުމާ ދޭތެރޭ އޮތް ހުރަހެއް ނޫންކަން އަދި ކިޔެވުމަކީ، ކުޅިވަރާ ދެމެދު އޮތް ހުރަހެއް ނޫންކަން ރަފާ އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޮ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާގެ ދަރިފުޅު "މިހާރަ"ށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ކުޅިވަރާއި ކިޔެވުމަށް އަހަމިއްޔަތުކަން ދޭން ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ ދަސްކޮށްދީފައިވައިވާތީވެ ދެ ކަންތައް ބެލެންސްކޮށް ކުރެވޭ ކަމަށެވެ.

ދަރިވަރުންނަށް ކުޅިވަރުގައި ދޭ ޝަރަފްވެރި ކަލާސް އެވޯޑް ހާސިލްކޮށްފައިވާ ރަފާ ދެކޭ ގޮތުގައި އެންމެ މުހިއްމު ކަމަކީ އެކުރާ ކަމަކަށް 100 ޕަސެންޓް ސަމާލުކަން ދިނުމެވެ. އޭނާ ދުވަހުގެ ތާވަލް ތަރުތީބު ކުރަނީ، އެގޮތަށް ބަލައިގެންނެވެ. ސްކޫލުން ގެޔަށް ގޮސް އޭނާ އަރާމުކުރެ އެވެ. ހެލިފެލިވެ ނޫޅޭ އެގަޑިއަކީ ހަށިގަނޑު ރިލެކްސްކޮށްލަން ލިބޭ ފުރުސަތެކެވެ. އެއަށް ފަހު ދަނީ ކުޅޭށެވެ. ޕްރެކްޓިހުގައި އޭނާގެ 100 ޕަސެންޓް ދެ އެވެ. އެތަނުގައި ހޭދަކުރާ ކޮންމެ މިނެޓެއް، ކޮންމެ ސިކުންތެއްގައި ވެސް ވިސްނަނީ ކުޅުމުގެ ހުނަރާއި ފަންވަރު މަތިކުރެވޭނެ ގޮތްތަކާ މެދު އެވެ.

"ކިޔަވާ ދުވަސްވަރު ވެސް ސްޕޯޓްސް ނުކުޅުމަށް ނެތް ސަބަބެއް އަސްލު. ކުރާ ކޮންމެ ކަމަކަށް 100 ޕަސެންޓް ދީފިއްޔާ ސަކްސެސްފުލްވެވޭނެޔޭ ދެ ކަމަށް ވެސް،" ރަފާ ބުނެފައިވެ އެވެ.

އައިއޯއައިޖީގެ މެޗެއްގައި ރަފާ އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވަނީ ކުޅިވަރަށް ކުދިން ފޮނުވަންވީ އެހެން ސަބަބެއް ވެސް، އަމިއްލަ ތަޖުރިބާ އިން ކިޔައިދީފަ އެވެ. އެއީ ކުޅިވަރު ކުޅުމަކީ ކުއްޖާ އަށް ލިބޭ ކަސްރަތަކަށްވެ ސިކުނޑި ކިޔެވުމަށް ފޯކަސްކުރަން ވެސް އެޅޭ ބާރަކަށް ވުމެވެ.

"އަބަދު ފޮތްކިޔައި ފިލާވަޅުގެ ތެރޭގައި އުޅޭނަމަ ކުއްޖާ އަށް ފޯކަސްކުރަން އުނދަގޫވާނެ. އެކަމަކު ކުޅިވަރު ކުޅޭ ނަމަ ސިކުނޑި ތާޒާވެ، ސަމާލުކަން ރަނގަޅުވާނެ. އެހެންވެ ކުޅިވަރު ކުޅުމަކީ ކިޔެވުމުގައި ކުރިއަށް ދިއުމަށް ވެސް ވަރަށް މުހިއްމު ކަމެއް،" ރަފާ ބުންޏެވެ.