ގަތަރުގައި މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޓޭބަލް ޓެނިސްގެ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތް ނިންމައި ހަތަރުވަނައަށް ވީ ދުވަހު އައިޝަތު ރަފާ ނާޒިމް އިށީނީ އޭ ލެވެލްގެ ފަހު އިމްތިހާނުގެ، ފުރަތަމަ ޓެސްޓުގަ އެވެ. މުބާރާތުން މޮޅު ނުވިޔަސް ރާއްޖެ ތަމްސީލުކޮށް ޕްރެޝަރުގައި، ފުލުފުލުން ވާދަވެރި މެޗުތަކެއްގައި މޮޅު ކުޅުމެއް ދެއްކި އެވެ.
އިމްތިހާނު ބޯމަތިވެފައި އޮތުމުން، އެ މުބާރާތަށް ސީއެޗްއެސްއީގައި ކިޔަވަމުން ދިޔަ ދަރިވަރު ދިޔައީ ވެސް ފޮތްތައް ހިފައިގެންނެވެ. މެޗުތަކާއި ޕްރެކްޓިސްތަކަށް ފަހު ލިބޭ ހުސްވަގުތުގައި ރަފާ، 19، ދިޔައީ އިމްތިހާނަށް ފަރިތަކުރަމުންނެވެ. އެހެންވެ، ރަފާގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރު ބޮޅެއް މި ވަނީ އިތުރުވެފަ އެވެ.
މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުން އިސްލާމާއި ބަޔޮލޮޖީން އޭ ސްޓާ އަދި ހަތަރު މާއްދާއަކުން އޭ ހޯދައިގެން ރަފާ ވަނީ ރާއްޖޭގެ ގަދަ 10ގެ ހަތަރު ވަނައާއެކު، ހައި އެޗީވާސް ސްކޮލަޝިޕް ހޯދައިފަ އެވެ. އޯ ލެވެލްގައި އޭނާ ވަނީ ރާއްޖޭގެ ގަދަ ފަސް ވަނައިން ޖާގަ ހޯދައި އިނގިިރޭސި މާއްދާއިން ދުނިޔެއިން ނުވަ ވަނަ ހޯދައިފަ އެވެ.
ރަފާ ބުނީ އޯ ލެވެލްއަށް ވުރެ އޭ ލެވެލް ކިތައްމެ އުނދަގޫވި ނަމަވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރީ އެންމެ މަތީ ވަނައަށް ކަމަށެވެ. އެކަމަކު، ކޮވިޑު-19ގެ ސަބަބުން އިމްތިހާނު ފަސްވަމުން ދިއުމުގެ ސަބަބުން ދިމާވި އުނދަގޫތަކާއި މުބާރާތްތަކަށް ފަރިތަކުރަން ދުވަހުގެ ގިނަ ވަގުތު ހޭދަކުރަމުން ވެސް ލިބުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
އެ ކާމިޔާބީތަކުގެ ޝުކުރު އޭނާ އަދާކުރަނީ، ބައްޕަ، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި މަންމަ، އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޮ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާއަށެވެ.
"އޭ ގްރޭޑު ހޯދުމުގެ އަޒުމުގައި ރަފާ ކިޔެވީ ވެސް، ކޮންމެ އެއްޗަކުން ވެސް އެންމެ މަތީ މާކްސް ހޯދުމުގެ އަޒުމުގައި. ހުރިހާ މާއްދާއަކުން އޭ ސްޓާ ނުލިބުނަސް ހުރިހާ މާއްދާއަކުން އޭ ލިބުނީމަ ވަރަށް އުފާވޭ،" އަންނަ މަހު އިނގިރޭސިވިލާތުގައި ބާއްވާ ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވެ، އެ މުބާރާތަށް ތައްޔާރުވަމުން އަންނަ ރަފާ ބުންޏެވެ.
"ޓިއުޝަން ވެސް ނެގިން. އެކަމަކު، މުބާރާތްތަކާ ހެދި ބައެއް ފަހަރު އޮންލައިންކޮށް ކިޔެވުން ގެންދިޔައީ."
ޝެޑިއުލްތައް ހަފުތާކުރިން ރާވާލާ
ސްކޫލަށާއި ޓީޓީ ފަރިތަކުރުންތަކަށް ވަގުތު ހުސްކުރުމަށް، ރަފާ، އޭނާގެ ޝެޑިއުލްތައް އެއް ހަފުތާ ކުރިން ރާވާލަ އެވެ.
ކިޔެވުމަށް މޮޅު ދަރިވަރަކަށް ވިޔަސް އެކަމުން އެކަނި ކުރިއަށް ދިއުމަށް އާއިލާއިން ބާރު އެޅުމުގެ ބަދަލުގައި މަންމައާ ބައްޕަގެ ފަރާތުން ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ރަފާ ބުނިގޮތުގައި ހުރިހާ ކަމަކަށް ވެސް ވަގުތު ހުސްކޮށްގެން ކާމިޔާބު ހޯދުމެވެ.
ރަފާ ބުނީ އޭ ލެވެލް އަށް ކިޔަވަމުން ދިޔައިރު ކޮންމެ ދެ ދުވަހުން އެއް ދުވަހު، ޓީޓީ ފަރިތަކުރުންތައް ދުވާލަކު ދެ އިރަށް އޮތް ކަމަށެވެ. ހެނދުނު 6:30 އިން 10:30 އަށް އަދި ރޭގަނޑު 7:30 އިން 10:30 އަށް ޕްރެކްޓިސް އޮންނާތީ ކިޔަވަނީ އެ ދެމެދު ލިބޭ ހުސް ވަގުތުގަ އެވެ.
"ހެނދުނު ޕްރެކްޓިސް ނިންމާ ގޮތަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރުވަންދެން ކިޔަވަނީ. ރަފާއަށް ފަސޭހައީ އެގޮތަށް ތަނެއްގައި އިށީނދެގެން އެއްފަހަރާ ކިޔަވަން. އެ ދުވަހަކު ކިޔަވާނެ ޓޮޕިކްތައް ހުންނާނީ ދުރާލާ ޕްލޭންކޮށްފައި. އެހެންވީމަ، އެކަމަށް ވިސްނާކަށް ނުޖެހޭ. ނަމަވެސް ބައެއް ދުވަސްދުވަހު ޕްލޭންކުރާ ގޮތަކަށް ނުދޭ. ޑީމޯޓިވޭޓްވާ ދުވަސްތައް ވެސް އާދޭ. އެކަމަކު މަންމައާ ބައްޕަގެ އެހީއާއެކު ހުރިހާ ކަމެއް ރަނގަޅަށް މެނޭޖްކުރެވުނު،" ސީއެޗްއެސްއީގެ ގޭމްސް ކެޕްޓަންކަން ވެސް އަދާކުރި ދަރިވަރު ބުންޏެވެ.
ޑޮކްޓަރަކަށް ވުމުގެ ދަތުރަށް ތައްޔާރު، އެކަމަކު ޓީޓީ ދޫކޮށްލުމެއް ނެތް
ހައި އެޗީވާސް ސްކޮލަޝިޕްގައި ރަފާ ނިންމައިގެން ހުރީ ޑޮކްޓަރުކަން ކިޔަވާށެވެ. އެކަމަކު، ޑޮކްޓަރުކަން ކިޔެވުމަކީ ކިތައްމެ އުނދަގޫ ކަމަކަށް ވިޔަސް ރަފާ ހުރީ ވަގުތީ ގޮތުން ނަމަވެސް ކުޅުން ހުއްޓާލާ ގޮތަކަށް ނޫނެވެ.
އޭނާ ބުނީ ކިޔަވަމުން ވެސް ޓީޓީ ކުޅެވޭނެ ޔުނިވާސިޓީތައް ޓީޓީ އެސޯސިއޭޝަނާއި މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ޔުނިވާސިޓީތަކުގައި ވެސް އިތުރު ހަރަކާތްތަކަށް ވަރަށް ބަލާ ކަމަށާއި އެހެންވެ ގައުމީ ފެންވަރުގައި ޓީޓީ ކުޅުމަކީ ލިބޭނެ ޕްލަސް ޕޮއިންޓެއް ކަމަށް ރަފާ ގަބޫލުކުރެ އެވެ.
"މިހާރު ވެސް ބަލަމުން މި ދަނީ އަދި ޓީޓީ އެސޯސިއޭޝަނާ މިނިސްޓްރީއާ ގުޅިގެން ވެސް ޓްރެއިނިން ލިބޭ ގޮތަކަށް ނޫނީ ޓްރެއިނިން ލިބޭނެ ކަހަލަ ޔުނިވާސިޓީއަކަށް ލައިގެން ޕްލޭސްމަންޓް ހޯދަން މި ޕްލޭންކުރަނީ،" ރަފާ ބުންޏެވެ.
ޑޮކްޓަރުކަން ކިޔެވުމަށް ވަރަށް ގިނަ ވަގުތުދޭން ޖެހުނަސް ރަފާ ބުނީ އަންނަ އަހަރު ޔުނިވާސިޓީގެ ކިޔެވުން ފެށުމަށްފަހު ކުޅިވަރު ވެސް އެއްވަރަަކަށް ގެންދެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
"ރަފާ މަސައްކަތްކުރާނީ އެ ލެވެލްގައި ކިޔެވުން ކުރިއަށްގެންދަމުން ޓީޓީ ވެސް ކުޅެވޭތޯ. އެހެން ގައުމުތަކުގެ ޓީޓީ ކުޅުންތެރިން އެބަތިބި މެޑިސިން ކިޔަވަމުން ވެސް ނޭޝަނަލް ޓީމަށް ކުޅެފައި، އެކި މުބާރާތްތަކަށް ގޮސްފައި ވަނަ ވެސް ހޯދާފައި. އެއިން ހިތްވަރު ލިބިގެން ރަފާ ބޭނުންވަނީ އެ ގޮތަށް މަސައްކަތްކުރަނީ،" ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ އަޒުމުގައި ހުރި ރަފާ ބުންޏެވެ.
އަންނަ އަހަރު ކިޔެވުން ފެށުމާ ހަމައަށް އޭނާ ހުރީ އެކި މުބާރާތްތަކަށް ހުސްވެގެންނެވެ. އޭގެ ތެރޭގައި ޝައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޗެމްޕިއަންޝިޕް އަދި އަންނަ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ހިމެނެ އެވެ.
ބައެއް ދަރިވަރުން ކިޔެވުމަށް އެކަނި ވަގުތު ހުސްކުރުމަށް ކުޅިވަރު ފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރިނުވެ އެވެ. އެކަމަކު، ކިޔެވުމާއި ކުޅިވަރު ދަނޑުގައި ޗެމްޕިއަން، ރަފާގެ ދިރިއުޅުމުން ފެންނަނީ ރަނގަޅަށް މެނޭޖްކުރެވިއްޖެނަމަ ކާމިޔާބު ލިބޭނެ ކަމެވެ.