އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގައި ހިމެނުމަކީ، ގިނަ ބަޔަކު ބުނާ ގޮތުން، އެހާ އުނދަގޫ ކަމެއް ނޫނެވެ. އޭގެ ހެއްކަކީ، ތައުލީމީ ހަޔާތުގައި ދަރިވަރުން އެންމެ ފުރަތަމަ ބައްދަލުކުރާ ބޮޑު އިމްތިހާނުގައި ކިތައްމެ މޮޅު ނަތީޖާއެއް ހޯދިއަސް އޭ ލެވެލްގައި ރަނގަޅަށް ފާސްނުވާ ދަރިވަރުން ތިބުމެވެ. އެހެންވެ އެ ނަތީޖާ ދެމެހެއްޓުމަކީ ވަރަށް މޮޅު ދަރިވަރަކަށް ނޫނީ ނުވާ ކަމެކެވެ. އޭގެ ތެރެއިން އެއް ދަރިވަރަކީ މުހައްމަދު މިއުވާން މަސީހެވެ.
އޯ ލެވެލްގައި އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށީ އޭނާ އޯ ލެވެލް ނިންމި އަހަރެވެ. މަޖީދިއްޔާއިން ކިޔެވި ދަރިވަރަށް އެ އަހަރު އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން އެއް ވަނަ ލިބުނެވެ. އަނެއްކާވެސް އޭ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން އޭ ސްޓާ ލިބިގެން ރާއްޖޭގެ އެއް ވަނަ ހޯދީ، މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު އަދި އެންމެ ކާމިޔާބު ދަރިވަރުގެ މަގާމާ ވެސް އެކުގަ އެވެ.
ސީއެޗްއެސްއީން މިއުވާން އޭ ލެވެލް ނިންމީ ހަތަރު މާއްދާއަކުން ރަން ވަނައާ އެކު އެވެ. އޭނާއަށް ބަޔޮލޮޖީން ދުނިޔެއިން އެއް ވަނަ، ކެމިސްޓްރީން ދުނިޔެއިން ދެ ވަނަ އަދި ރާއްޖެއިން އެއް ވަނަ، ފިޒިކްސް އިން ދުނިޔެއިން ހަ ވަނަ އަދި ހިސާބުން ރާއްޖެއިން އެއް ވަނަ ލިބުނެވެ. މިއީ އޯ ލެވެލްއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އޭނާއަށް އޯ ލެވެލްގައި ދުނިޔޭގެ ވަނައެއް ލިބުނީ ޓްރެވެލް އެންޑް ޓޫރިޒަމް އިން އެކަންޏެވެ. އެއީ އަށް ވަނަ އެވެ.
ތައުލީމީ ހަޔާތުގައި ހޭދަކުރި 12 އަހަރުގައި ދުވަހަކު ވެސް އިމްތިހާނަކުން ފެއިލްވެފައިނުވާ މިއުވާން ބުނީ ކިޔަވާއިރު އެންމެ ސަމާލުކަން ދެނީ އެ ކިޔަވައިދޭ އެއްޗެއްގެ ކޮންސެޕްޓް ރަނގަޅަށް ދަސްކުރަން ކަމަށެވެ. އެއަށް ފަހު އަމިއްލައަށް ކިޔެވުމަށް ވަގުތު ބަހާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
ބަހުގެ މާއްދާތަކަށް އުނދަގޫވުމުން، އެ މާއްދާތަކުގެ ނަތީޖާ ރަނގަޅުކުރަން އިތުރު ހިތްވަރެއް ލާން ޖެހުނެވެ. ލ. ގަމަށް އުފަން މިއުވާން ގްރޭޑު ނުވެއްގައި ދިވެހި މާއްދާއިން ބީއެއް ލިބުމަކީ ހިތްވަރު އެލުނު ކަމެކެވެ. އޭގެ ފަހުން ހަފުތާއަކު އެއްފަހަރު މަޒުމޫން ލިޔުމާއި ނޫސްތަކުގައި ހުންނަ ހަބަރުތައް ކިޔުމާއި ހަބަރުތައް ބެލުމަކީ އާދައަކަށް ހެދި އެވެ. އޭގެ ނަތީޖާ ފޮންޏެވެ.
ރަށު ތުނޑި ސްކޫލުން ގްރޭޑު ފަހަކާ ހަމައަށް ކިޔެވުމަށް ފަހު އޭނާ ދެން ބަދަލުވީ އާއިލާއާ އެކު އިންޑިއާއަށެވެ. އެ ގައުމުގައި އެއް އަހަރު އުޅުމަށް ފަހު މާލެ ބަދަލުވެ ގްރޭޑު ހަތަކަށް ގުޅުނީ ކަލާފާން ސްކޫލަށެވެ. ޖެހިގެން އައި އަހަރު ގްރޭޑު އަށަކަށް މަޖީދިއްޔާ ސްކޫލަށް ބަދަލުވެ، އެ ސްކޫލުގައި ވެސް ވަނީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް އެހެން ދަރިވަރުންނަށް ނަމޫނާ ދައްކައިފަ އެވެ.
އޭ ލެވެލް ހެދިއިރު ކްލާހުގައި ޓީޗަރު ކިޔަވައިދޭއިރު މިއުވާން ރަނގަޅަށް އަޑުއަހައި އެ އެއްޗެއް ނަގައި ގަނެ އެވެ. އަމިއްލައަށް ކިޔަވަން ފަށަނީ ހަވީރު ޓިއުޝަން ނިންމާލުމަށް ފަހު އަރާމުކޮށްލައިގެންނެވެ.
"ސްކޫލުގައި ޓީޗަރު ކިޔަވައިދޭއިރު ރަނގަޅަށް އަޑުއަހާނީ. ދެން އިންޓްރެސްޓް ހުންނަ މާއްދާއަކާ ގުޅޭ އެއްޗަކާ ގުޅޭ ގޮތުން އޮންލައިންކޮށް ވީޑިއޯތައް ބަލައިގެން ބޮޑަށް މި ދަސްކުރަނީ،" މިހާރު ޓިއުޝަން ދީގެން އާމްދަނީ ވެސް ހޯދަމުން އަންނަ ދަރިވަރު ބުންޏެވެ.
ސީއެޗްއެސްއީގެ އަޝްރަފީ ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް ކުރި މިއުވާން ބުނާ ގޮތުން އޯ ލެވެލްއާ އަޅާ ބަލާއިރު އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން ވަރަށް މަސައްކަތްކުރަން ޖެހޭނެ އެވެ. އެހެންވެ ގްރޭޑު 11ގެ ފުރަތަމަ ދުވަހުން ފެށިގެން ކިޔެވުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ދެކެ އެވެ. އެގޮތަށް ކިޔަވާއިރު ވަކި ވަގުތުތަކެއް ކަނޑައެޅުން ބުއްދިވެރި އެވެ.
އިމްތިހާނަށް ތައްޔާރުވަނީ މަހަކަށް ވީމަ އެވެ.
މިހާރު އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުންނަށް މިއުވާން ދޭ ނަސޭހަތަކީ މި އެވެ؛ ގިނަގިނައިން ޕާސްޓް ޕޭޕަރުތައް ހަދައި ނޭނގޭ އެއްޗެހި ދަސްކުރާށެވެ. އެގްޒާމިނާސް ރިޕޯޓުގައި ހުންނަ ކަންކަން ބަލައި ނަގައިގަންނާށެވެ. ނޯޓުތައް ހިތުދަސްކުރުމުގެ ބަދަލުގައި ސުވާލުތައް ގިނަގިނައިން ހަދާށެވެ.
މިއުވާން ދެކޭ ގޮތުގައި ކިޔެވުމާ އެއްވަރަށް ދިރިއުޅުމަށް މުހިއްމު ހުނަރުތަކެއް ވެސް ބޭނުންވެ އެވެ. ދީނީ ކަންތައްތަކަށް ސަމާލުކަން ދިނުމާއި އެހެން މީހުންނަށް އިހްތިރާމްކުރުމާއި ލީޑަޝިޕަކީ ކުރިއަށް ދިއުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމަށް، ރައީސްގެ ސްކޮލަޝިޕްގައި އޮސްޓްރޭލިއާއިން މެޑިސިން ކިޔަވަން ނިންމައިގެން ހުރި ދަރިވަރު ބުންޏެވެ.
އެހެންނޫނީ ކިތައްމެ ރަނގަޅު ނަތީޖާއެއް ހޯދި ކަމަށް ވިއަސް އެ މީހަކު ހުންނާނީ ކުރިއަށްދާނެ ދޮރެއް ނުފެނި ހުއްޓިފަ އެވެ.
"އެ ހުރިހާ ކަމެއް ފުރިހަމަވެގެން ކާމިޔާބު މީހަކަށް ވާނީ،" މިއުވާން ބުންޏެވެ.