ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުން އަންނަ އިރު، އިނގިރޭސިވިލާތުގެ މަޝްހޫރު ސުޕަމާކެޓް ކުންފުނި ސެއިންސްބަރީޒުން ވެސް ޕްލާސްޓިކް މަދުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމުގެ ގޮތުން، ކުރިއަށް އޮތް ހަ އަހަރު ޕްލާސްޓިކް ޕެކޭޖިން 50 ޕަސެންޓަށް ދަށްކުރާނެ އެވެ. އެގޮތުން އަމާޒަކީ 2025 އާ ހަމައަށް އަންނަންވާ އިރަށް ކާބޯތަކެތީގެ ޕެކެޖިން އަށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު 50 ޕަސެންޓަށް ދަށްކުރުމެވެ.
މިއީ ސުޕަމާކެޓް ކުންފުންޏަކުން ޕްލާސްޓިކާ ދެކޮޅަށް މިފަދަ ޕްލޭނެއް އިއުލާންކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި މިފަދަ ބަދަލެއް ގެންނަން ނިންމައި، ސެއިންސްބަރީން ވަނީ މިކަމަށް އާންމުންގެ ހިޔާލަށް ވެސް ހުޅުވާލައިފަ އެވެ.
ސެއިންސްބަރީޒުން ބުނިގޮތުގައި އެ ކުންފުނިން މިހާރު ކާބޯތަކެތި ބަންދުކުރަން އަހަރަކަށް ގާތްގަނޑަކަށް 120،000 ޓަނުގެ ޕްލާސްޓިކް ބޭނުންކުރެ އެވެ. އަދި އޭގެ ތެރެއިން ބޮޑު ނިސްބަތެއް ހިއްސާކުރަނީ ޕްލާސްޓިކް ކިރުފުޅި ކަމަށް ވެސް ބުންޏެވެ. މީގެ ތެރޭގައި ތަރުކާރީ އާއި މޭވާގެ ޕެކެޖިން އާއި ފިޒީ ޑްރިންކާއި ފެންފުޅި އާއި ޖޫސް ޕެކެޓް ފަދަ އެއްޗެހި ވެސް ހިމެނެ އެވެ.
"ޓާގެޓަކީ ޕްލާސްޓިކް މަދުކޮށް، އޭގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކަށް އިސްކަން ދިނުން،" ސެއިންސްބަރީޒްގެ ޗީފް އެގްޒެކެޓިވް މައިކް ކޫޕް ވިދާޅުވި އެވެ. "އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ އެއްޗެހީގެ ބަދަލުގައި އަލުން ބޭނުން ކުރެވޭ ކަހަލަ އެއްޗެހިއްސަށް އަހަރެމެން ދެން ފޯކަސްކުރާނީ."
މައިކް ވިދާޅުވީ ތަކެތި ބަންދުކުރަން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެކަމަކު އެއާ ދެކޮޅަށް މިހާރު މަސައްކަތްނުކޮށް ވާން ނެތް ކަމަށް ވިދާޅުވި އެވެ.
ޕްލާސްޓިކް މަދުކުރަން ސެއިންސްބަރީޒުން ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގެ އެންވަޔަރަމަންޓް ސެކްރެޓަރީ ތެރީޒާ ވިލިއާޒް ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.