ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މީހަކު ހޯދަން ވީޑިއެއް އާންމުކޮށްފި

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން މީހަކު ހޯދުމަށް ވީޑިއޯއެއް މިއަދު އާންމުކޮށްފި އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ކޮމިޝަނުން ހޯދަން ބޭނުންވަނީ މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީ ޓާމިނަލުން ފެރީ އަށް އެރުމަށް ސައިކަލް ކިޔޫގައި ހުރި މީހެކެވެ.

މިއީ މާލެ އާއި ހުޅުމާލެއާ ދެމެދު ބާއްވާ ފެރީތަކުން ސައިކަލްތައް ގެންދެވޭ ގޮތަށް އޮތް ދުވަސްވަރު ނަގާފައިވާ ވީޑިއޯ އެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، ކޮމިޝަނުން ހޯދަން ބޭނުންވާ މީހާ ދުއްވަން އިނީ ރަތް ކުލައިގެ ވޭވް ސައިކަލެކެވެ. ހުދު ކުލައިގެ ގަމީހަކާއި ޖިންސެއް ލައިގެން ހުރި އެ މީހާ ސައިކަލްގައި ގޮސް ކިއޫގައި ޖެހުމަށް ފަހު، ސައިކަލް ބަހައްޓާފައި އެއް ފަރާތަށް ޖެހޭ މަންޒަރު ފެނެ އެވެ. އަދި އިރުކޮޅެއް ފަހުން ފެންނަނީ އަނބުރާ ގޮސް ސައިކަލް މަތީގައި ވަރަށް ހަމަޖެހިލައިގެން އިށީނދެ އިންނަ ތަނެވެ. ވީޑިއޯ އިން ފެންނަ ގޮތުން ނަމަ އެ މީހާ ސައިކަލް އިން ނައްޓާލަނީ ސައިކަލްތައް ފެރީ އަށް އަރުވަން ގޭޓް ހުޅުވުމުންނެވެ.

ރިޔާސީ ކޮމިޝަންގެ ޓުވީޓު

ހުޅުމާލޭގެ ފެރީ ޓާމިނަލްގައި ހުރި މީހެއް ހޯދަން އިއުލާން ކޮށްފައިވާއިރު، ރިޔާސީ ކޮމިޝަނުން އަންނަނީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައި ކަމަށް ރިޔާސީ ކޮމިޝަނުން ބުނެ އެވެ.

ވަރަށް ފަހުން ވަނީ، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބައެއް ތަންތަން ބަލައި ފާސްކޮށްފަ އެވެ. އަދި 15 މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފަ އެވެ.

ރިލްވާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ދިއުމަށް ޓާމިނަލްގައި އުޅެނިކޮށް ނަގާފައިވާ ސީސީޓީވީ ފުޓޭޖަކުންނެވެ.

ރިޔާސީ ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލައިގެ ތަހުގީގަށް ވެސް މީހަކު ހޯދުމަށް ކުރިން އިއުލާންކޮށްފަ އެވެ.

ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ހައްޔަރު ކުރަން އެދުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ވަނީ ދީފަ އެވެ.