މަރަދޫފޭދޫގައި އެކްސިޑެންޓުވި މީހަކު އައިސީޔޫގައި

ސ. މަރަދޫފޭދޫގައި މިއަދު ހަވީރު ދެ ސައިކަލް އެކްސިޑެންޓުވެ ޒަހަމްވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.


އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށް ހިނގި މި އެކްސިޑެންޓަށް ފަހު، އެއް ސައިކަލުގައި ތިބި ދެ މީހުން ވަނީ ފިލައިގެން ގޮސްފަ އެވެ.

ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި، ޒަހަމްވެފައި އޮތް މީހާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ހުއްޓެވެ. ނަމަވެސް ޒަހަމްތަކާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެންމެ ބޮޑަށް ޒަހަމްވީ 55 އަހަރުގެ މީހަކަށް ކަމަށާއި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. \

އެކްސިޑެންޓުވުމުން ފިލައިގެން ދިޔަ ސައިކަލް ދުއްވަން އިނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ވެސް ފަހުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.