އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ އިނާން

އަމީނިއްޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް އިނާން އިބްރާހިމް ރަޝީދު ރޭ ހޮވައިފި އެވެ.


ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އަށް މާއްދާ އިން އޭ ސްޓާ ހޯދައިގެން ރާއްޖެ އިން ވެސް އެ އިމްތިހާނުން އެއް ވަނަ ލިބުނު އިނާނަށް އަމީނިއްޔާގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑު ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އަމީނިއްޔާގެ މިދިޔަ އަހަރުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރި އިނާން ވަނީ ޓްރެވެލް އެންޑް ޓޫރިޒަމުން ދުނިޔެ އިން ހަތް ވަނަ ހޯދައިފަ އެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދެ ވަނަ ދަރިވަރަކަށް ހޮވީ އަމީނިއްޔާގެ މިދިޔަ އަހަރުގެ ޑެޕިއުޓީ ގޭމްސް ކެޕްޓަންކަން އަދާކުރި ރާޔާ އަބްދުލް ރައްޒާގެވެ. މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުން ދިވެހި މާއްދާ އިން ރާއްޖެ އިން އެއް ވަނަ ހޯދިއިރު ގައުމީ ގަދަ 10 ގައި އޭނާ ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ.

އަމީނިއްޔާ ސްކޫލުން ހުރިހާ ގޮތަކުން ގަދަ ތިން ވަނަ ހޯދި ދަރިވަރުންނާއެކު ޕްލޭނިން މިނިސްޓަރު އަސްލަމް އަދި އަމީނިއްޔާގެ ޕްރިންސިޕަލް ނާޒްލީން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އަމީނިއްޔާ ސްކޫލް

ތިން ވަނައަށް ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވީ ފާތިމަތު ރާނިޔާ ލަތީފެވެ. ގައުމީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ގަދަ 10 ގެ ތިން ވަނަ ހޯދުމުގެ އިތުރުން އޭނާ އަކީ އަމީނިއްޔާގެ މިދިޔަ އަހަރުގެ ސީނިއާ ޕްރިފެކްޓެކެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ 187 ދަރިވަރުން މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނު ހެދިއިރު ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 60 ޕަސެންޓަށް ވުރެ މަތި ކަމަށެވެ. އޯ ލެވެލްގެ ގަދަ 10 ގައި އަމީނިއްޔާ އިން އެކަނި 40 ދަރިވަރުން ހިމެނުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯ ލެވެލްގެ ގަދަ 10 ގައި 404 ދަރިވަރުން ހިމެނިފައި ވެ އެވެ.

ނާޒްލީން ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް އެ ސްކޫލުން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކަމަށެވެ. އެ ނަތީޖާ ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަމީނިއްޔާ ގައި ތަފާތު އެކި ހަރަކާތްތަކާއި ވަނަތައް ހޯދި 137 ކުދިންނަށް ރޭ އިނާމު ދީފައިވެ އެވެ.