ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭވިދާޅުވެއްޖެ އެވެ.
އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ މުގައްރަރުގެ ބައިތައް ތަރުތީބު ކޮށްފައިވާ ގޮތް އަލުން މުރާޖައާކޮށް، ތަރުތީބުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ކިޔަވައިދޭން މިހާރު ބޭނުންކުރަނީ 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރެއް ކަމަށާއި މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އެކަމަކު ޒަމާނަށް އައިސްފައިވާ ބަދަލުތަކާއި މިހާތަނަށް ކުދިންގެ ނަތީޖާތަކަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، މުގައްރަރުގެ ބައިތައް މުރާޖައާ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އާ ކަރިކިއުލަމް 2015 ވަނަ އަހަރު ރޯލްއައުޓް ވެގެން ގޮސްފައި މިހާ ހިސާބަށް ދިޔައިރުގައި ވެސް އެކަށީގެންވާ ބަދަލުތަކެއް އައިސްފައެއް ނެތް. ޒަމާނަށް އައި ބަދަލުުތަކާ އަދި 2015 ވަނަ އަހަރު ފެއްޓި ކަރިކިއުލަމް ނިމިގެން އައިސް 2025/2026 ގައި މި ސްކޫލު ނިންމާލީ، އެހެންވީމަ އެ މުއްދަތުގައި ލިބުނު ނަތީޖާތަކުގެ މައްޗަށް ބަލާފައި އަޅުގަނޑުމެން މި ދަނީ ރިވިޝަންތަކެއް ހަދަމުން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެއްސާއި އާއި އިސްލާމް މާއްދާގެ އިތުރުން ހިސާބު މާއްދާ އަދި އެކި ބަސްތައް ދަސްކުރާ ވަގުތުތައް އިތުރު ކުރައްވާނެ އެވެ.
"މިހާރަށް ވުރެ ގިނަ ވަގުތު ދިވެހި މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު އިސްލާމް މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު ހިސާބު މާއްދާ ކިޔަވަން. އަދި ކުދިންގެ އެކިއެކި ބަސްތައް ދަސްކުރާ ވަގުތު ވެސް އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުން،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ ދިރާސީ އަހަރާ އެކު، ކީ ސްޓޭޖު އެކެއްގައި އެ ބަދަލުތައް ގެނެސްގެން ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު މިކުރަނީ މި އަންނަ އަހަރު ގްރޭޑް 1، 2، 3 މި ތިން ގްރޭޑަށް ކީ ސްޓޭޖް އެކަކަށް މި ބަދަލުތައް ރޯލްއައުޓް ކުރެވޭނެ ކަމަށް."
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީއާ އެކު، ދުނިޔެ މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށާއި އެހެންވެ، މައުލޫމާތެއް ހޯދުމުގެ ބޭނުމުގައި ސްކޫލަށް ދާންޖެހުމަކީ ނެތިދާނެ ކަމެއް ކަމަށް ތައުލީމީ މާހިރުން ބުނާ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ސްކޫލެއްގެ ބޭނުންތެރިކަން ކެނޑުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ އާއި އޭއައި އަދި އިންޓަނެޓުގެ މެދުވެރިކޮށް ފަތުރާ މައުލޫމާތަކީ އަންނަން އޮތް ޖީލުތަކުގެ ވިސްނުމާއި ފިކުރާއި ހިޔާލު ބައްޓަންކުރާނެ ވަސީލަތަކަށް ވާނެ ކަމަށާއި ކުދިން ތަރުބިއްޔަތުކޮށް އަޅާލުމުގައި މިހާރަށް ވުރެެ ބޮޑަށް ބެލެނިވެރިން ހުޝިޔާރު ވާން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ގެއަކީ ކުއްޖާގެ ފުރަތަމަ މަދަރުސާ ކަމަށާއި އެހެން މީހުންނަށް އިހުތިރާމުކުރުމާއި ކެތްތެރިކަން ފަދަ މުހިއްމު ކަންކަން ކުދިން ދަސްކުރަނީ ގޭގެ މާހައުލުން ކަމަށެވެ. އެ ސަބަބާ ހުރެ ގޭތެރޭގެ މާހައުލުގައި ކުދިންނަށް ދޭ އެހީތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިންނަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ، ސަޕޯޓް ސްޓާފުން މެދުވެރިކޮށް އެ އެހީތެރިކަން ދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެ މެކޭނިޒަމް އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން، ޓީޗަރުންނަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އެކަމަކު ގިނަ ފަހަރަށް ދަރިވަރުންނަށް އެހީތެރިކަންދޭން ބޭނުންވެގެން އެކަން ބެލެނިވެރިންނަށް އަންގައި، ވަގުތުތަކުގައި އެންމެ އެހީތެރިކަން ބޭނުންވާ ކުއްޖާގެ ބެލެނިވެރިޔާ ނާދެވޭ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން އިސްލާހު ކޮށްދިނުމަށް ބެލެނިވެރިންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރު އެދިވަޑައިގަތެވެ.