ނ. މިލަދު އާއި ލ. މާވަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ދެ ރަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
މިލަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއަށް 42 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު މާވަށުގެ ބަނދަރު މަޝްރޫއުގެ އަގަކީ 27 މިލިއަން ރުފިޔާ އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 69 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މިލަދޫގައި ހަދާ ބަނދަރުގައި 248 މީޓަރުގެ ބޭރު ތޮއްޓަކާއި 286 މީޓަރުގެ އެތެރެ ތޮއްޓެއް ހިމަނާނެ އެވެ. އެ ރަށުގެ ބަނދަރުގައި 137 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މާވަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނުވަތަ ޑިޒައިންކޮށްގެން ހަދައިދޭ ގޮތަށެވެ. އެ ރަށުގެ ބަނދަރުގެ ބޭރު ތޮށީގައި ހުންނާނީ 284 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި އެ ރަށުގައި ހަދަން ނިންމާފައި ވަނީ 110 މީޓަރުގެ އެތެރެ ތޮއްޓެއް ކަމަށެވެ.
މި ދެ މަޝްރޫއު ފުރިހަމަ ކުރަން އެމްޓީސީސީ އަށް ދީފައި ވަނީ 11 މަސް ދުވަހެވެ.
މީގެ އިތުރުން ގއ. މާމެންދޫގެ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. ޑިޒައިންކޮށްގެން ހަދާ ގޮތަށް ކަނޑައަޅާފައިވާ މި މަޝްރޫއު ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ސާސް އީ ކޮންސްޓްރަކްޝަނާ އެވެ. މުޅި އެކު، 31 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ މި މަޝްރޫއު ފުރިހަމަކުރަން އެ ކުންފުންޏަށް ދީފައި ވަނީ އެއް އަހަރާއި ތިން މަސް ދުވަހުގެ މުއްދަތެކެވެ.
އެ މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން އެތަނުގެ ޕާމަނަންޓް ސެކަޓަރީ ޒީނިޔާ އަހްމަދު ހަމީދު ސޮއިކުރެއްވިއިރު ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ އަހުމަދެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ހދ. ހަނިމާދޫގައި ބަނދަރު އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފަ އެވެ.