ދާންދޫ ބަށި މުބާރާތުގެ ފައިނަލް މެޗު ކޯޓު އަމުރަކުން ހުއްޓުވައިފި

ގއ. ދާންދޫ ގައި އިއްޔެ ބާއްވަން ހަމަޖެއްސި ބަށި މުބާރާތުގެ ފައިނަލް މެޗެއް، އެ އަތޮޅު ނިލަންދޫ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުއްޓުވައިފި އެވެ.


އެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ބަށި ބޯޅަ ފައުންޑޭޝަން ގުޅިގެން ގއ. އަތޮޅަށް ބާއްވާ މުބާރާތުގެ ފައިނަލް މެޗާ ހަމައަށް ދިޔައިރު، އެ މުބާރާތުގައި ބައިވެރިވި ނިލަންދޫ ޓީމާއި ބަށި ބޯޅަ ފައުންޑޭޝަނާ ދެމެދު އޮތީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. އެހެންވެ، ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ މައްސަލަ ހައްލުކުރެވެންދެން ފައިނަލް މެދު ނުބޭއްވުމަށެވެ.

ފަސް ޓީމުން ބައިވެރިވި މުބާރާތް އޮތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށެވެ. ފައިނަލުގައި ކުޅެން އޮތީ ދާންދޫ ޓީމަކާއި މާމެންދޫ ޓީމަކުންނެވެ.

މުބާރާތުގައި ދެން ބައިވެރިވީ ވިލިނގިއްޔެވެ. ދާންދޫގެ ދެ ޓީމަކުން ބައިވެރިވި އެވެ.

ދާންދޫ ކައުންސިލުން ބުނީ، މުބާރާތާ މެދު ނިލަންދޫ ޓީމުން ހިތްހަމަނުުޖެހުނީ ކުޅުނު ތިން މެޗުން މޮޅުވިޔަސް ފައިނަލުން ޖާގަ ނުލިބުމުންނެވެ. މާމެންދޫ ފައިނަލަށް ދިޔައީ ލަނޑުގެ ގޮތުން ކުރީގައި އޮތުމުންނެވެ.

ނިލަންދޫ ޓީމުން ހަތަރު މެޗެއް ކުޅެން ހަމަޖެއްސިއިރު އޭގެ ތެރެއިން ތިން މެޗަކުން މޮޅުވެފައި ވެ އެވެ. ވިލިނގިއްޔާއެކު ކުޅެން ހަމަޖެއްސި މެޗަށް ވިލިނގިލީ ޓީމް ހާޒިރުނުވުމުން އެ މެޗު ނުޅެވޭ ގޮތެއް ނުވެ އެވެ. އެހެންވެ ނިލަންދޫ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ދާންދޫ ކައުންސިލުން މިހާރު އަންނަނީ ނިލަންދޫ ކޯޓުގެ އަމުރު، އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

"ބޮޑު ގެއްލުމެއް މި ލިބުނީ ކޯޓު އަމުރުން މިކަން ހުއްޓުވީމާ. ފައިނަލް މުބާރާތަށް ދެ ޓީމު ވެސް ތައްޔާރުވެފައި މި ވަނީ،" ދާންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.