ނޫޝިން އެމްޑީއެންއިން ވަކިވެއްޖެ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ޗެއާޕާސަން ނޫޝިން ވަހީދު އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.


އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި މިދިޔަ މަހުން ފެށިގެން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވާފައި މިވަނީ އެ ޖަމިއްޔާ އިން އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ރިޕޯޓެއް ނެރުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.

އެ ޖަމިއްޔާގެ ޗެއާޕާސަން ނޫޝިން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާތީ ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުންގެ ކައުންޓާ ޓެރަރިޒަމްގެ އެނެލިސްޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވާ ނޫޝިން އަށް ގުޅަން "މިހާރު" ން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެހެންވެ އިސްތިއުފާ ދެއްވި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ނަމުގައި ނެރެފައިވާ ރިޕޯޓްގައި ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.