މި މަހު ބޭއްވި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ ވެގެންދިޔައީ އެ ހަފްލާގެ އެންމެ ޝަރަފުވެރި އެއް ދަރިވަރު، ގ. ކްރީމް ވިލާ އަހްމަދު ރަސަލް ތަސްލީމަށް ބޮޑު ސަޕްރައިޒަކަށެވެ. ސާނަވީ އިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި އެ ރޭ ރަސަލްގެ ނަން ސްޓޭޖުން އިއްވާލީ އޭގެ އިރުކޮޅެއް ކުރިން އޭނާ އަށް ލިބުނު އިނާމްތަކެއް ހިފައިގެން ގޮސް ހޯލުން ބޭރުގައި ހުއްޓަ އެވެ. ނަތީޖާ ކިތަންމެ ރަނގަޅަސް، އެއްވަނަ ދަރިވަރަށް ހޮވިދާނެ ކަމަކަށް ރަސަލް ހިއެއް ނުކުރެ އެވެ.

"ރަސަލް ހިއެއް ނުކުރަން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިދާނެ ކަމަކަށް. ގްރޭޑް ދިހައެއްގައި އުޅުނު އިރު އިތުރު ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭ. އެކަމަކު ކިޔަވަން ވަރަށް މަސައްކަތް ކުރިން. އެހެންވީމަ ވަރަށް އުފާވޭ އޯލް-ރައުންޑް އަށް ހޮވުނީމަ. އެކަމަކު އެގްޒާމް ނަތީޖާ އަށް ބަލާއިރު، މިއީ އަދި އެންމެ އުންމީދުކުރި ނަތީޖާއެއް ނޫން. އިރާދަކުރެއްވިއްޔާ އެންމެ ބޭނުންވި ނަތީޖާ ދެން ހޯދާނީ އޭލެވެލް އިން،" މިހާރު އަހުމަދިއްޔާގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ރަސަލް ބުންޏެވެ.

މި ހިސާބަށް ވާސިލްވުމަށް މިދިޔަ ތިން އަހަރު ރަސަލް ގިނަ މަސައްކަތްތަކެއް ކުރި އެވެ. މޮޅު ނަތީޖާއެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ޓީޗަރުންނާއި މައިންބަފައިން ދެއްވި ނަސޭހަތާއި އިރުޝާދު ގަބޫލުކޮށްގެން ބަސް އަހާ ދަރިވަރަކަށް ވާން މަސައްކަތް ކުރި އެވެ. ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ކުޑައިރުން ފެށިގެން ވެސް ބައިވެރިވެ ސްކޫލްގައި ހަރަކާތްތެރި ދަރިވަރަކަށް ވާން މަސައްކަތްކުރި އެވެ. ޖަމާލުއްދީން ސްކޫލުން ގްރޭޑް ހަތެއް ނިންމި އިރު އެ ގްރޭޑުން ދެވަނަ އަށް އެންމެ މަތީ އެވްރެޖް ހޯދީ ވެސް ރަސަލް އެވެ. އަދި އަހްމަދިއްޔާ ސްކޫލުގެ ގްރޭޑް 8، 9 ،10 ގެ އެވްރެޖް އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާ އެވެ.

ހިސާބު ދަސްކޮށްދޭ ޔުސިމަސް ކްލާހުގެ ފަރާތުން މެލޭޝިއާއާ އަށް ގޮސް އިންޓަނޭޝަނަލް މެންޓަލް މެތްސް ކޮމްޕެޓިޝަނުން ހަ ވަނަ ހާސިލްކުރި އެވެ.

އަހްމަދިއްޔާގެ އިނާމް ދިނުމުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު (ކ) ރަސަލް އަށް އިނާމް ހަވާލުކުރައްވަނީ. --
އަހްމަދިއްޔާގެ އިނާމް ދިނުމުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު (ކ) ރަސަލް އަށް އިނާމް ހަވާލުކުރައްވަނީ. --

މިދިޔަ އަހަރުގެ އޯލެވެލްގައި ހަ މާއްދާ އިން އޭ ސްޓާ އަދި ދެ މާއްދާ އިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ ތިނެއްގައި ރަސަލް ހިމެނުނެވެ. އަދި އޭ ސްޓާ ހޯދި މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީސް އާއި އިކޮނޮމިކްސް އިން ދުނިޔޭގެ އެއްވަނައިގަ ހިމެނުނެވެ. އެކައުންޓިން އިން ދުނިޔޭގެ ތިން ވަނަ ހާސިލްކުރި އެވެ. މިއީ ތިން އަހަރު ދުވަހު ރަސަލް ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ.

ރަސަލްގެ އެންމެ ކިޔަވާ ހިތްވާ މާއްދާ އަކީ އެކައުންޓްސް އެވެ. އެކައުންޓަށް ހުންނަ ހާއްސަ ޝައުގެއްގެ ބޮޑުކަމުން ސްކޫލް ނިންމައި، އޭނާ ކުރިއަށްދާން ބޭނުންވަނީ ވެސް އެކައުންޓިން ގެ ދާއިރާއިންނެވެ. އޯލެވެލް އަށް ތައްޔާރުވި އިރު ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ އެ މާއްދާއަށެވެ. އަމާޒު ހިފީ އެކައުންޓުން ދުނިޔޭގެ އެއްވަނައިގައި ހިމެނުމަށެވެ. ނަމަވެސް މިފަހަރު ލައްވައިލީ ތިނެއްގަ އެވެ. އެކަމަކު ރަސަލް ހިތްވަރު އެލުވައެއްނުލަ އެވެ. އޭލެވެލްގެ ނަތީޖާ މިއަށްވުރެ ރަނގަޅުކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

ރަސަލް މި ކިޔައިދެނީ އޭނާ ކިޔަވަން މަސައްކަތް ކުރި ގޮތެވެ؛

- މައިންބަފައިންނާއި މުދައްރިސުންގެ ބަސް ގަބޫލުކޮށް ދީނީ ކަންކަމަށް އިސްކަން ދޭ

- ކްލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑީގައި އެހެން ކަންތައްތަކާ ނޫޅެ، އެކަމަށް ސަމާލުކަން ދޭ

- ސާނަވީ ފެށުމާއެކު މަސައްކަތް ކުރީ ސްޓްރީމް މާއްދާތަކުން، ހާއްސަކޮށް އެކައުންޓްސް އިން ދުނިޔޭގެ އެއްވަނަ ހާސިލްކުރުމަށް

- ސްކޫލްގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސަމާލުކަން ދޭ

- ސްކޫލާއި ޓިއުޝަނުގައި ހޭދަކުރާ ވަގުތުތަކުގެ އިތުރަށް ދުވާލަކު މަދުވެގެން ހަތަރު ގަޑި އިރު ކިޔެވުމަށް ހޭދަކުރޭ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ދެ މާއްދާއެއް މުތާލިއާކުރަން މަސައްކަތް ކުރޭ

- ވަކި ކަމެއް ފަށަން ކަނޑައަޅާ ގަޑިއެއްގައި އެކަމެއް ފެށޭތޯ އަބަދުވެސް ބަލާ

އެންމެ ހާއްސައީ މަންމަ

ބައްޕަ އާއި ޓީޗަރުން ވެދެއްވި ހުރިހާ އެހީއަކަށް އޭނާ ޝުކުރުވެރިވެ އެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަންމަ ކޮށްދިން ހުރިހާ ކަމެއްގެ ޝުކުރު އަދާކުރާނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. ރަސަލް އަކީ މަންމަގެ ހުރިހާ ވަގުތެއް ހުސްކުރި، ހުރި ހަމަ އެކަނި ދަރިފުޅު ވެސް މެ އެވެ. އެހެންވެ އޭނާގެ ކާމިޔާބީގައި މަންމަ ކުރި ހިތްވަރާއި މަސައްކަތް ފާހަގަކުރަން ރަސަލް ބޭނުންވެ އެވެ.

ރަސަލް އޭނާގެ މަންމަ އާއި އެކު ފޮޓޯ އަކަށް ހުއްޓިގެން --
ރަސަލް އޭނާގެ މަންމަ އާއި އެކު ފޮޓޯ އަކަށް ހުއްޓިގެން --

"ރަސަލްގެ މަންމަ ރަސަލް ސްކޫލް ފެށި ހިސާބުން ވަޒީފާއަކަށް ނުދޭ. ހުރިހާ ވަގުތެއް ހުސްކުރީ ރަސަލް އަށްޓަކައި. ރަސަލް އެއްޗަކަށް ބޭނުން ވިޔަސް، ތަނަކަށް ދާން ބޭނުން ވިޔަސް، ދުވަހަކު ވެސް ދައްޗެއް ނުވޭ. މަންމަ އަބަދުވެސް ބަލާނެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެވޭތޯ،" ރަސަލްގެ ހިތުގައި މަންމައަށް އޮތީ ޚާއްސަ ޝުކުރެކެވެ.

ރަސަލް އަށް ކުރިއަށް އޮތީ އަނެއްކާވެސް ބުރަ ދެ އަހަރެވެ. މިފަހަރު އޭނާގެ އަމާޒު ހުރީ އޯލެވެލްގައި ހޯދި ކާމިޔާބީއަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅު ކާމިޔާބީއެއް ހާސިލްކުރުމަށެވެ. އެކަމަށްޓަކައި ކުރިން ކުރި މަސައްކަތްތަކުގެ ދެގުނަ މަސައްކަތް ކުރަން ރަސަލް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

ރަސަލް އޭނާގެ އާއިލާ އާ އެކު --
ރަސަލް އޭނާގެ އާއިލާ އާ އެކު --

"އެއްވެސް ކުއްޖަކީ ދަށް ކުއްޖެއް ނޫން. ގޯލެއް ސެޓްކުރުމަކީީ މަސައްކަތް ކުރަން ހިތްވަރު ލިބޭނެ ކަމެއް. ހަމަ އެއާއެކު، އަބަދުވެސް ތިމަންނަ އަށް އަންނަ ކުރިއެރުމާއި ތިމަންނަ އަށް އަންނަ ދަށްވުންތައް، ކިޔަވައިދޭ ޓީޗަރުން ގާތު އަހައިގެން އޮޅުންފިލުވަން ވާނެ. ޓީޗަރުންނަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ބުނެދޭނެ މީހުން. އެހެންވީމަ ޓީޗަރަކު ވަކި ކަމެއް ފާހަގަކޮށްފަ މިކަމެއް ރަނގަޅުކުރަން ނުވަތަ ބަދަލުކުރަން ބުނުމުން އެކަމެއް ގަބޫލުކުރަން ވާނެ،" ހުރިހާ ދަރިވަރުންނަށް ރަސަލްގެ ނަސޭހަތަކީ މިއީ އެވެ.