ނަގާފައިވާ ރުއްގަހަށް ވުރެ އިންދި ރުއްގަސް ގިނަ: އީޕީއޭ

މި އަހަރުގެ މިހާތަނަށް ރަށްރަށުން ނަގާފައިވާ ރުއްގަހަށް ވުރެ، އަލުން އިންދާފައިވާ ރުއްގަހުގެ އަދަދު އިތުރު ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.


އީޕީއޭ އިން ބުނީ މި އަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8،602 ރުއްގަސް އިންދާފައިވާ ކަމަށެވެ. އަދި ރުއްގަސް ނެގުމުގެ ހުއްދަ މި އަހަރު ދީފައި ވަނީ 21 ރަށަކުން ކަމަށާއި އެ ރަށްރަށުން މިހާތަނަށް ނަގާފައި ވަނީ 2،706 ރުއްގަސް ކަމަށް ވެސް އެތަނުން ބުންޏެވެ.

ރުއްގަސް އަލުން އިންދާފައި ވަނީ ނ. މަނަދޫގެ އިތުރުން ނ. މަގޫދު އާއި ރ. ވާދު އާއި ޅ. މަޑިވަރުގަ އަދި ލ. ކުނަހަންދޫގަ އެވެ. މީގެ ކުރީ އަހަރުތަކުގައި ދީފައިވާ ހުއްދައިގެ ދަށުން ނަގާފައިވާ ރުއްގަސް ވެސް މި އަހަރު އިންދާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން މިއަދު ކުރި ޓްވީޓެއް

ރުއްގަސް ނަގަން ހުއްދަ ދީފައި ރަށްރަށުގެ ތެރޭގައި ހއ. މޮޅަދުއާއި ހއ. ބާރަށާއި ށ. ނަރުދު އާއި ށ. ފޯކައިދު އާއި ށ. ގޮއިދު އާއި ނ. މަނަދު އާއި ނ. މަގޫދު އާއި ނ. ޅޮހި އާއި ރ. ރަސްމާދޫގެ އިތުރުން އެ އަތޮޅު ވާދު އާއި ރަސްގަތީމު އަދި އަންގޮޅިތީމާއި އއ. ތޮއްޑު އާއި މަތިވެރި އާއި މ. ވޭވަށް އާއި ފ. މަގޫދު އާއި ލ. ގަން، ހިތަދޫ އަދި ކުނަހަންދޫ ހިމެނެ އެވެ.

އެ ރަށްރަށުގެ އިތުރުން ތ. މަޑިފުށިންނާއި ގދ. ވާދޫން 90 ރުއް ނަގަން ވެސް އީޕީއޭ އިން ހުއްދަ ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. އެހެން ނަމަވެސް އެ ދެ ރަށުން ރުއް ނަގަން ހުއްދަ ދިނީ، އެ ރަށުގެ އެހެން ސަރަހައްދެއްގައި އެ ރުއްގަސް އިންދަން ޝަރުތުކޮށްފަ އެވެ.

ރިސޯޓުތައް ފެހިކުރަން ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ނަގައިގެން ގެންދާ މައްސަލަ މިފަހުން ވަނީ އާންމުވެފަ އެވެ. ރަށްރަށުން ގިނަ އަދަދަށް ރުއްގަސް އެގޮތަށް ނެގުމުން ތިމާވެއްޓަށް ގެއްލުންވެ، ރަށުގެ ފެން ފަށަލަ އަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން ރަށް ގިރުން ފަދަ ކަންކަން އަވަސްވެގެން ދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

ރަށްރަށުން ރުއް ނެގުމުގެ ހުއްދަ ދޭގޮތާ މެދު އާންމުންގެ ކަންބޮޑުވުންތައް ގިނަވުމުން، އެ ގަވާއިދު އިސްލާހު ކުރަން އީޕީއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގަވާއިދު އިސްލާހުކުރުމުގެ ކުރިން އެ ކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ވެސް އީޕީއޭ އިން ވަނީ މިދިޔަ މޭ މަހު ހޯދައިފަ އެވެ. އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު މި މަހު ކުރީކޮޅު ވިދާޅުވީ ގަވާއިދު އިސްލާހުކުރުމުގައި ލަސްތަކެއް ވަނީ އެކަން އެންމެ ފުރިހަމަކޮށް ކުރަން ބޭނުންވާތީ ކަމަށެވެ. އެ މައްސަލަ އަށް ހައްލުކުރަން ގާނޫނެއް ހަދަން ޖެހިއްޖެ ނަމަ، އެ ކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީން މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓަރު ހަމްދާން ޒުހެއިރު (ކ) އާއި އެތަނުގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު (ވ) އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު (މ) ބައިވެރިވަޑައިގަންނަނަވީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ