އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކުރަން މަޖިލިހުން ރުހުންދީފި

އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.


ފިޔާޒް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ. ފިޔާޒްގެ ނަން މަޖިލިހުން ފާސް ކުރުމާ ގުޅިގެން ދެން އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތަކަށް ވޯޓަކަށް ނާހަ އެވެ.

ފިޔާޒް، ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މިއަދު ނޫހުންނެވެ. އަދި ދެ އަހަރު ފަހުން އައްޑުވަސް އަދި މަނަސްގެ އެސިސްޓަންޓް އެޑިޓަރު ކަން އޭނާ ކުރެއްވި އެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ފިޔާޒް، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ "ހަވީރު" ގަ އެވެ. ފިޔާޒް "ހަވީރު" ނޫހާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. އަދި 2015 ގައި އެ ނޫހުން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ ރާއްޖެ ޓީވީގެ އެޑިޓަރުގެ މަގާމާ އެވެ. ފިޔާޒް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ހުންނެވީ ރާއްޖެ ޓީވީގެ ސީއޯއޯގެ މަގާމުގަ އެވެ.

"ކޮމާކޯޅީ" ގެ ފައުންޑާ މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރު ކަން މިހާރު ކުރައްވާ ފިޔާޒް ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ނޫސްވެރިކަމާއި ޕަބްލިކް ރިލޭޝަން ދާއިރާއިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ހަތަރު ނަމެކެވެ. އެއީ ފިޔާޒްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދާއި މ. ވެންކޫވަ، ފާތުމަތު ސައުޝަންގެ ނަމެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނީ ފިޔާޒާއި ފަޔާޒާއި އާހިދުގެ ނަމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީ އެވެ.

އެ މަގާމަށް މަޖިލިހުން ބޭފުޅަކު ކަނޑައެޅީ ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.