ޖޭއެސްސީގައި ހިމެނޭ އާންމު މެމްބަރުކަމަށް ހަ މީހެއްގެ ނަން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުންގެ ތެރެއިން އިންނަ މެމްބަރު ކަމަށް ހޮވާނެ މީހަކު ކަނޑައަޅަން ހަ މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


މަޖިލިހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހަ ބޭފުޅުންގެ ނަން އިއްވުމަށް ފަހު، މައްސަލަ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ކޮނިޓީން ދިރާސާކުރާ ނަންތައް

1- ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ

2- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851

3- އަހުމަދު މިޒްމާދު، މއ. ލޫޕިން

4- އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295

5- މިރުފަތު ފާއިޒު، މއ.ރަންފޮށި

6- ހުސެއިން އަމްރު، ވ. ރޯޝަން

ޖޭއެސްސީގައި އާންމުންގެ ފަރާތުން މިހާރު އިންނަވާ މެމްބަރު އަބްދުލް ހަންނާންގެ ދައުރު ވަރަށް އަވަހަށް ހަމަވާނެ އެވެ. އޭނާ ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.

އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓަކުންނެވެ.

އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ އިތުރުން ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.