ފްލެޓްތައް މެނޭޖް ކުރާނެ ގާނޫނީ ނިޒާމެއް ގެންނަން ޖެހޭ: ސުއޫދު

ރާއްޖޭގައި ގިނަ އަދަދެއްގެ ފްލެޓްތައް އަޅަމުން އަންނަ އިރު އެ ފްލެޓްތަކުގެ ކަންތައްްތައް ބަލަހައްޓާނެ ގާނޫނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.


ބިމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި މިރޭ ކުރެއްވި ތަގުރީރެއްގައި ސުއޫދު ވިދާޅުވީ އެއްމެދު އިމާރާތްތަކުގައި އެންމެން ހިއްސާ ކުރާ ސަރަހައްދުތައްް ބަލަހައްޓާނެ ގާނޫނީ ނިޒާމެއް ނެތުމުން ދިމާވާ މައްސަލައިގެ އެއް މިސާލަކީ ސިނަމާލެ ފްލެޓަށް ވީ ގޮތް ކަމަށެވެ. އެގޮތުން އެ އިމާރާތްތަކުގައި އެންމެން ހިއްސާކުރާ ސަރަހަައްދުތައް ބަލަހައްޓާނެ ގާނޫނީ ނިޒާމެއް ނެތުމުން އެތަންތަން ވީރާނާވެ، އެންމެ ފަހުން މަރާމަތު ކުރަން ޖެހުނީ ދައުލަތަށް ކަމަށެވެ.

"އެއްމެދު އިމާރާތް މެނޭޖްކުރާނެ ނިޒާމެއް، ގާނޫނީ ނިޒާމެއް އެކުލަވައިލެވިފައި ނެތި އެތަން [ސިނަމާލެ ފްލެޓްތައް] ދޫކުރުމުގެ ސަބަބުން މި ދިމާވި މައްސަލަޔަކީ އެތަން މެއިންޓެއިން ކުރާނެ ބަޔަކު ނެތުން. އެތަން ބެލެހެއްޓޭނެ ގޮތެއް ނެތް. އެތަން ކުށުގެ ވެއްޓަކަށް ބަދަލުވެގެން ދިޔައީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ ތަގުރީރު އަޑު އަހަން ވަދެ ތިބި ބައެއް ފަރާތްތައް. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސުއޫދު ވިދާޅުވީ ސިނަމާލެ ފްލެޓްތަކަށް އެހެން ދިމާވީ މެނޭޖްމެންޓް ކުންފުންޏެއްގެ ބެލުމުގެ ދަށުގައި ނެތި އެމީހަކާ އެމީހަކު އުޅެން ދޫކޮށްލީމާ ކަމަށެވެ. އެކަން އެގޮތަށް ވާކަން ސަރުކާރަށް ވަކި ހިސާބަކުން އެނގުމުން ކުރި ކަމަކީ މާލޭ މުނިސިޕަލްޓީން އެތަން ބަލަހައްޓާ ގޮތަށް ހަމަޖައްސައި އެތަނަށް ހަރަދު ކުރަން ފެށުން ކަމަށާއި މިހާރު އެތަނަށް ސަރުކާރުން މަހަކު 400،000ރ. ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަަރަދު ކުރަން ޖެހޭނީ ސަރުކާރުންތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.

އެ އުސޫލަށް އަމަލުކުރަންޏާ ހުޅުމާލޭގެ އެއްމެދު އިމާރާތްތަަކަށް ސަރުކާރުން ހަރަދު ނުކުރަންވީ ކީއްވެތޯ ވެސް ސުއޫދު ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ ސިނަމާލެ ފްލެޓްތައް ބާވެ ހަލާކުވުމުން އެތަނުގެ އާބާތުރަ ފިލުވަން ހަރަދު ކުރާނެ ގޮތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގައި ސަރުކާރަށް ގޮތް ހުސްވި ކަމަށެވެ.

"ވިސްނާ ވެސް ނުލެވުނު، ކިހިނެތްތޯ، މިކަން ކުރެވޭނެ ގޮތެއް އެބަ އޮތްތޯ. އެބައެއްގެ ތަން އެބައެއް ދެއްތޯ ބަލަހައްޓަން ޖެހޭނީ؟ އެހެންވީމާ އެތަން މެނޭޖްމަންޓް ކޮމްޕެނީއެއް ނުވަތަ އެންމެން ގުޅިގެން އުފެދޭ އެސޯސިއޭޝަނަކުން އެތަން މެނޭޖް ނުކުރެެވެން ވީ، އެ ވިސްނުން ކީއްވެގެންތޯ އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް[ނުކުރަންވީ]؟ ކޮށްފައި ދެއްތޯ މީހުން އެތަނަށް ވައްދަން ވާނީ؟" އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ގާނޫނެއް އަދި ނެތް ކަމަށް ވިޔަސް، އެއްމެދު އިމާރާތްތަކަށް ވަންނަ މީހުން އެމީހުން އުޅޭ އިމާރާތުގެ މެއިންޓެނެންސަށް ކޮންމެވެސް ހޭދައެއް ކުރަން ޝަރުތުކުރެވެން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތަށް އެ އިމާރާތެއްގައި އުޅޭ އެންމެން ފައިސާ ޖަމާކުރާ ފަންޑެއް ގާއިމްކޮށް އެތަނުގައި އުޅޭ މީހުންގެ ކޮމިޓީއަކުން ބަލަހައްޓާ ގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އެމްއެންޔޫގައި މިރޭ ތަގުރީރު ކުރައްވަނީ. އޭނާ ވިދާޅުވީ ފްލެޓްތައް މެނޭޖްކުރާނެ ގާނޫނީ ނިޒާމެއް ބޭނުންވާކަމަށް. ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއްމެދު އިމާރާތެއް މެނޭޖް ކުރާ ކުންފުންޏަކާ ހަވާލުކޮށްފައި އޮއްވާ ވެސް ގާނޫނީ ބަނދެވުމެއް ނެތުމުގެ ސަބަބުން ދިމާވި މައްސަލައިގެ މިސާލެއް ސުއޫދު ނެންގެވީ ހުޅުމާލެއިންނެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ އިމާރާތް މެނޭޖްކުރަމުން ދިޔަ ކުންފުންޏަށް އެތަނުގެ އެޕާޓްމަންޓްތަކުގެ މީހުން ފައިސާ ނުދެއްކުމުން ރުޅިއައިސްގެން އެތަން ބެލެހެއްޓުން ހުއްޓާލި ކަަމަށެވެ. އޭނާ އެ ވިދާޅުވީ ބެލެވޭ ގޮތުގައި އަމީން އެވެނިއުގައި މިދިޔަ އަހަރު ދިމާވި މައްސަލައިގެ ވާހަކަ އެވެ.

ސުއޫދު ވިދާޅުވީ ހާދިސާއެއް ހިނގައި އިމާރާތް ހަލާކުވާ ހާލަތެއް މެދުވެރި ވެދާނެތީ އިންޝުއަރެންސް ވެސް ކުރުމުގެ ކަންތައް ވެސް ފްލެޓްތަކުގައި އުޅޭ މީހުންނަށް ލާޒިމްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނަގާ އިންޝުއަރެންސް ޕޮލިސީ ކޮންމެ އެޕާޓްމަންޓެއްގެ މީހުން ވަކިން ނުވަތަ އެންމެން ވެގެން މުޅި އިމާރާތަށް ނަގާ ގޮތަށް ވެސް ހަމަޖެއްސިދާނެ ކަަމަށެވެ.

ސުއޫދު ވިދާޅުވީ އެފަދަ ނިޒާމުތައް އަމިއްލަ ގޮތުން ބައެއް ތަންތަނަށް ތައާރަފްކޮށްފައިވާ ކަމަށާއި އެކަމަކު ގާނޫނީ އޮނިގަނޑެއް ނެތީމާ އެ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

"އެހެންވީމާ ސަރުކާރުން އެބަ އިންޓަވެންޝަން އެއް ވަރަށް އަވަހަށް ހަދަން ޖެހޭ އެންމެދު އިމާރާތްތައް މެނޭޖްކުރާނެ ގޮތާ ބެހޭ ގޮތުން. ބައިވަރު ފްލެޓްތައް އެބަ ފެނޭ މިހެން އަރަމުންދާތަން،" އޭނާ ވިދާޅުވި އެވެ.