ހިއްކައިގެން ހަދާ އާ ރަށްރަށަށް ނަމެއް ކިޔާލަން ވެސް ދިވެހިންނަކަށް ނުލިބޭ: ސުއޫދު

ރާއްޖޭގައި ފަޅުތައް ހިއްކައިގެން އަަލަށް ރަށްރަށް އުފައްދާ އިރު އެ ތަންތަނުގެ އިހްތިސާސް ގާނޫނަކުން ކަނޑަ ނާޅާތީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން، އެއިން ރަށަކަށް ނަން ކިޔާނެ ފުރުސަތު ވެސް ދިވެހިންނަށް ނުލިބޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ރޭ ދައްކަވައިފި އެވެ.


މޯލްޑިވްްސް ނެޝަނަލް ޔުނިވާސިޓީގެ ދައުވަތަކަށް އެ ޔުނިވާސިޓީގައި ދެއްވެ ލެކްޗާއެއްގައި ސުއޫދު ވިދާޅުވީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުތަކަށް ބޮޑެތި ބަދަލުތައް އަންނަން ޖެހޭ ކަމަށެވެ. އޭނާ މިސާލަކަށް ނެންގެވީ އަލަށް ހިއްކި ބައެއް ތަންތަނުން ފެންމަތިވި ބައެއްް މައްސަލަތަކެވެ. އެފަދަ އެއް މިސާލަކީ ހުޅުމާލެ އެވެ.

ސުއޫދު ރޭ އެމްއެންޔޫގައި ލެކްޗާ ދެއްވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ބަލައިލަމާ ހިންގާ، [މިސާލަކަށް] ގުޅިފަޅު ހިއްކީ. ގުޅި ފަޅު ހިއްކާ އިރު، ހިއްކާ ނިންމާއި އިރު ކުންފުންޏަކަށް ދޭ އިރު، އެވަންނަނީ ކޮން މުނިސިޕަލްޓީއެއްގެ ދަށަށްް ކަމެއް، ކޮން ކައުންސިލެއްގެ ދަށަށް ކަމެއް ނޭނގޭ. މީހުން އާބާދުވާ ގޮތެއް ނުބުނޭ،" ސުއޫދު ވިދާޅުވި އެވެ.

"ހަމަ އެގޮތަށް ފުރަތަމަ ހުޅުމާލެ ހެދި އިރު، ހުޅުމާލެ ހިއްކަން ފެށި އިރު ހިތަކަށްނާރާ ގާނޫނީ ނިޒާމެއް ބޭނުންވާ ކަމަކަށް. ދެން ބޮޑު ބިމެއް ހިއްކަނީ."

ސުއޫދު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ހަދައިދެމުން އައީ ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އެގޮތަށް ކުންފުންޏަކުން ރަޖިސްޓްރީ ހަދައިދިނުމަކީ ބިމާ ބެހޭ ގާނޫނު ދަންނަ ކަމަކަށް ނުވާތީ، ރާއްޖޭގެ ބިމާ ބެހޭ ގާނޫނު އިސްލާހުކުރާ ނަމަ އެކަމަށް (އަލަށް ހިއްކާ ބިންތަކުގެ މިލްކުވެރިކަން ކަނޑައެޅުމާ މެދު) ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެ ގޮތަކަށް ބިން ހިއްކަމުން އަންނަ އިރު ގާނޫނީ ނިޒާމުގައި އޮތީ ބޮޑު ހުސްކަމެކެވެ.

ރާއްޖޭގައި ބިން ހިއްކަނީ ރަށެއް ބޮޑުކުރާށާއި ހުސް ފަޅެއްގައި މުޅިން އަލަށް ރަށެއް ހަދާށެވެ.

ސުއޫދު ވިދާޅުވީ ރިސޯޓްތައް ހަދަން ފަޅުތައް ކުއްޔަށް ދިން އިރު އެ ފަޅުތައް ހިއްކުމުގައި އަމަލުކުރާނެ ގޮތް ބައެއް އެއްބަސްވުންތަކުގައި ނުވެސް ނެތް ކަމަށެވެ.

އޭނާ ވަނީ 23 ފަޅެއް ކުއްޔަށް ދިނުމަށް ހެދި އެއްބައްސްވުންތައް ދިރާސާކުރައްވައިފަ އެވެ. އެކަމަކު ސުއޫދު ވިދާޅުވީ އެ އެއްބަސްވުންތަކުގައި ބިން ހިއްކަން ހުއްދަ ވެސް ދީފައި ނެތް ކަމަށެވެ.

"ދެން ހަމަ އެއާ އެއްކޮށް އަދި މި ދިމާވާ އެއް ކަމަކީ މި ހިއްކާ ރަށް ތަރައްގީކުރީމާ އެންމެ ކުޑަމިނުން އެރަށަށް ކިޔާނީ ދިވެހި ނަމެއްތޯ ރަށަށް ނަން ދޭނީ ކިހިނެއްތޯ، ކޮން ޖޫރިސްޑިކްޝަނެއްގެ ތެރެއަށްތޯ ވަންނާނީ، ކޮން ދާއިރާއެއްގެ ތެރޭގައިތޯ އޮންނާނީ، މިއާ ބެހޭ އެއްވެސް އުސޫލެއް ވެސް ކަނޑައެޅިފައެއް ނެތް،" އޭނާގެ ވާހަކައަށް ބާރު ދެއްވުމުގެ ގޮތުން ގާނޫނީ ޕޮއިންޓްތަކެއް ނަންގަވަމުން ސުއޫދު ވިދާޅުވި އެވެ.

ފަޅު ކުއްޔަށް ދީގެން ރަށްރަށް އަލަށް ހިއްކާ އިރު ބިމާ ބެހޭ ގާނޫނުން އެތަންތަނުގެ އިހްތިސާސް ކަނޑަނާޅައި އޮތުމުން ދިމާވާ މައްސަަލައިގެ މިސާލެއްގެ ގޮތުން އޭނާ ދެން ނެންގެވީ އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ "ކްރޮސް ރޯޑްސް" އެވެ.

"އެތަން ހެދުނީމާ މީހުން ވަރަށް ހެޕީ ކަންނޭނގެ. ކްރޮސް ރޯޑަށް ދާން ބޭނުންވެގެން އެންމެން ވެސް އުޅެނީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި މީގައި، އެންމެ ކުޑަމިނުން އެރަށަކީ އަޅުގަނޑުމެންގެ ޗާޓަށް ވެސް އަރާ ރަށެއް ނޫން. ޗާޓަށް ނާރައޭ މިދެންނެވީ، އެރަށަށް ނަން ކިޔަން ވެސް ދިވެހިންނަކަށް ނުލިބުނު،" ސުއޫދު ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ރާއްޖެއަށް މިހާރު ދިމާވަމުން ދާ ބައެއް މައްސަލަތަކާ މެދު އޭނާ ދެއްވި ލެކްޗާ އަޑުއައްސަވަން ގައުމީ ޔުނިވާސިޓީގެ އިސް ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމާއި ރައްޔިިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ހިމެނެ އެވެ.