ރާޣިބްގެ ތުހުމަތުތަކަކީ ދޮގެއް، ހުރިހާ އިޖްރާއާތެއް ފުރިހަމަ ކުރިން: ޖޭއެސްސީ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް މިއަދު އިސްތިއުފާ ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކޮށްފައިވާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިިންމީ ގިނަ ސުލޫކީ މައްސަލަތަކެއް ސާބިތުވުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ރާޣިބާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަތަކަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރުމަށް ފަހު އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން އިއްޔެ އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ކޮމިޝަނުން އެގޮތަށް ނިންމުމާ އެކު، ރާޣިބް ވަނީ ކޮމިޝަންގެ އެ ނިންމުމަކީ އޭނާއާ މެދު ޒާތީ ތައައްސުބެއް އޮވެގެން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރާޣިބްގެ ވާހަކަތަކާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ގާނޫނީ ގޮތުން ދޭންޖެހޭ ހުރިހާ ފުރުސަތުތަކެއް ދިނުމަށް ފަހު އަދި ހުރިހާ އިޖްރާއާތުތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި ކޮމިޝަނާ ބެހޭގޮތުން ރާޣިބް ދެއްކެވީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތަފާތު ސުލޫކީ އަށް ކަމެއް އެ ކޮމިޝަނަށް ސާބިތުވުމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭތީ އެކަންކަން ބަލަން ފުލުހުންނަށް ވެސް އެ ކޮޮމިޝަނުން ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިސްތިއުފާ ދެއްވިއިރު އިތުރު އެހެން މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ރާޣިބާ ގުޅޭގޮތުން ބަލަމުން ދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އިތުރު އެހެން ބައެއް ކަންކަމާ ގުޅިގެން ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ދުވަސްވަރު އެކިފަހަރު މަތިން ރާޣިބާ މެދު އެ މިނިސްޓްރީން ފިޔަވަޅު އަޅައި، އިންޒާރު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.