ބަދަލު ދިނުމުގައި ލަފާ ދޭ ކޮމިޓީ އަށް އޮޑިޓަރުން ހޯދަން އިއުލާންކޮށްފި

ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އަށް އޮޑިޓަރުން ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން އިއުލާން ކޮށްފި އެވެ.


އެކި މަޝްރޫއުތަކާ ގުޅިގެންނާއި އެކި ފަރާތްތަކާ އެކު ހަދާފައި އެއްބަސްވުންތައް ދައުލަތުން ބާތިލްކުރާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ކޯޓުތަކަށް އަދި އާބިޓްރޭޝަނަށް ހުށަހަޅާ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރަން ރައީސަށް ލަފާ ދޭ ކޮމިޓީއެއް މިހާރު އޮވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ސެޓްލްމަންޓް ކޮމިޓީ އަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން، ގެއްލުމުގެ ބަދަލުގެ މިންވަރު ދެނެގަތުމަށްޓަކައި ގިނަވެގެން ތިން އޮޑިޓް ފާމެއް ހަމަޖައްސަން ބޭނުންވެ އެވެ. އެ މަސައްކަތް ހަވާލު ކުރެވޭނީ ބީލަމުގެ އުސޫލުން ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ސެޝަނަކަށް ފަހު، ބީލަން ހުށަހެޅުން އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށް އެ އިއުލާނުގައި ވެ އެވެ.

ބަދަލު ދިނުމުގައި އޮޑިޓަރުން ލަފާ ހޯދަން ނިންމިއިރު، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ބަދަލު ދިން މައްސަލަތަކާއި ކޯޓުން ހުކުމް ކޮށްގެން ބަދަލު ދިން މައްސަލަތައް ވެސް ހިމެނެ އެވެ.