ރާއްޖޭގައި ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައަޅައިފި

ރާއްޖޭގައި ގާއިމްވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ސަފީރަކު ކަނޑައަޅުއްވައި، އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.


މީގެ ކުރިން އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަނީ ރާއްޖެ އާއި ސްރީ ލަންކާ އަށް އެއް ސަފީރެކެވެ. އަދި ސަފީރު ގާއިމްވެ ހުންނަވަނީ ވެސް ސްރީ ލަންކާގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގަ އެވެ.

ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ރާއްޖޭގައި ގާއިމްވެ ހުންނަވާ ސަފީރެއްގެ ގޮތަށް އެ ގައުމުން ކަނޑައެޅީ ކެރަން ރޮހްސްލާ އެވެ. އޭނާގެ މަގާމުގެ ރައީސަށް އެރުވީ އިއްޔެ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގައި ގާއިމްވެ ހުންނަވާ ސަފީރަކު ކަނޑައެޅުއްވުމުން އެކަމުގެ ފައިދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކި ދާއިރާތަކުން އެހީވުމުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމި ކަމުގައި ވިޔަސް، އެމްބަސީ ރަސްމީކޮށް އަދި ހުޅުވައިފައެއް ނުވެ އެވެ.

ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާ އިނގިރޭސިވިލާތުގެ ސަފީރެއްގެ ގޮތުގައި ކުރިން ހުންނެވީ ޖޭމްސް ޑޯރިސް އެވެ. އޭނާގެ ދައުރު ހަމަވެފައިވާތީ ލަންކާ އަށް ވެސް އިނގިރޭސިވިލާތުން މިހާރު ވަނީ އާ ސަފީރެއް އައްޔަންކޮށްފަ އެވެ.