ދީބާޖާ އަށް ފައިސާ ދިނުމާ މެދު ކޯޓުން ބޭރުގައި އަދިވެސް އެއްބަސްވުމަކަށް ނާދެވޭ

ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލާގައި ކޯޓުން ބޭރުގައި އަދިވެސް ހައްލެއް ނުހޯދޭ ކަމަށް ޝަރީއަތުގައި ދެ ފަރާތުން މިއަދު ބުނެފި އެވެ.


އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ސިވިލް ކޯޓުގައި މިހާރު ކުރިއަށްދަނީ އެ ހުކުމުގެ ތަންފީޒު މައްސަލަ އެވެ.

ދައުލަތުން ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން މެއި މަހު ސިވިލް ކޯޓުން ދެ ހަފުތާގެ މުއްދަތު،ކުރިން ވަނީ ދީފަ އެވެ. ނަމަވެސް މިހާތަނަށް ވެސް މިކަމުގައި އެއްބަސްވުމަކަށް ނާދެވެ އެވެ.

ހުކުމް ތަންފީޒުކުރުން މިހާތަނަށް މަޑުޖައްސާލާފައި އޮތީ ދައުލަތުގެ ފަރާތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ރައީސަށް ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީ އަށް ހުށަހަޅައިގެން އެ މައްސަލާގައި ހައްލެއް ހޯދައި ދިނުމަށް ދީބާޖާ އިން އެޓާނީ ޖެނެރަލްގެ ކިބައިން އެދި، ކޯޓަށް ހުށަހަޅާފައި ވާތީ އެވެ.

ސުޕްރީމް ކޯޓުގައި، ދީބާޖާ މައްސަލައިގައި ވަކާލާތު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ލޯފާމުންނެވެ. އެ ލޯ ފާމާއި ދީބާޖާ އިންވެސްޓްމެންޓާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ 348 މިލިއަންގެ 50 ޕަސެންޓް ލޯ ފާމަށް ދިނުމަށެވެ. އެހާ ބޮޑު އަދަދެއް ދޭން ދީބާޖާ އިން އެއްބަސްވީ "ސަކްސެސް ފީ"ގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި އޮވެ އެވެ.

- މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، ކޯޓުން ބޭރުގައި ހަލެއް ހޯދަން ޝަރީއަތުން ހަފުތާއެއްގެ މުއްދަތު ދިން ކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރުކުރަން ޖެހިދާނެ ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ.