އަންނަ އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މޮބައިލް ލެބޯރެޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ކޮންމެ ރަށެއްގައި ލެބޯރެޓަރީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި މޯބައިލް ލެބޯރެޓަރީ ގާއިމް ކުރުމުން ހަރަދާއި ބަލި މީހުން އުފުލާ ތަކްލީފު ކުޑަވާނެ ކަމަށެވެ.

"ވިސްނުމަކީ މޯބައިލް ލެބޯރެޓަރީގެ ހިދުމަށް 2020 ނިމޭއިރު މުޅި ރާއްޖޭގައި މި މަޝްރޫއު ތަންފީޒު ކުރުން. އޭގެ ދަށުން ތަހުލީލުތައް ކުރަންޖެހޭ ސާމްޕަލް އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ފޮނުވި، އެއް ދުވަހުން ނަތީޖާ ލިބޭނެ،" މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަ އެގޮތަށް އައީ، ވެލިދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ދުވަހަކު ބެއްލެވުމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލުގެ ޖަވާބާ ގުޅިގެންނެވެ.

މޮބައިލް ލެބޯރެޓަރީގެ ހިދުމަތް ލ. އަތޮޅުގެ ބައެއް ރަށްރަށުގައި ވަރަށް ފަހުން ވަނީ ފަށައިފަ އެވެ.

އެކަމުގެ ސަބަބުން، ހިދުމަތް ހޯދަން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރަން ނުޖެހި ތަހުލީލުތައް ކުރުމުގެ ދޮރު ހުޅުވޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 187 ތަނުގެ ތެރެއިން މިވަގުތު 90 ރަށެއްގައި ލެބޯރެޓަރީގެ ހިދުމަތް ދެ އެވެ.

ވެލިދޫ ހޮސްޕިޓަލާ ބެހޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، އެ އިމާރާތުގެ ކުރެހުންތަކާއި ބީއޯކިޔު މިހާރު ނިމިފައިވާ ކަމަށާއި އަމަލީ މަސައްކަތް ފެށުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް އަމީން ވިދާޅުވި އެވެ.

ލެބޯރެޓަރީތައް ގާއިމު ކުރުމުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި ވަސީލަތްތައް ތަރައްގީކޮށް، ހުރިހާ ރަށްރަށަށް އެމްބިއުލާންސާއި ޑޮކްޓަރުންނާއި ނަރުހުން ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެނީ ވަކި ރަށަކަށް ބެލުމެއް ނެތި، ހަމަހަމަކަމާ އެކީގައި ކަމަށާއި މި ސަރުކާރަކީ އެއްވެސް ރަށަކަށް ތަފާތު ކުރުން ގެންގުޅޭނެ ބައެއް ނޫން ކަމަށެވެ.