ހައިލަމަށް 200،000ރ. ދިނިން، އެއީ ލޯނެއް: އަލްހާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އަށް 200،000ރ. ދެއްވި ކަމަށާއި އެއީ އަނބުރާ ދައްކާ ގޮތަށް އޭނާ ނެންގެވި ލޯނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.


އަލްހާން މިގޮތަށް ވިދާޅުވީ އޭނާގެ އަތުން ހައިލަމަށް ފައިސާ ލިބުނު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފެށުމުން ހިތްހަމަނުޖެހުންފާޅުކުރައްވައި އެކަން ސާފުކޮށްދެއްވަން ކުރެއްވި ޓުވީޓެއްގަ އެވެ.

އަލްހާން ވިދާޅުވީ އަދިވެސް ހައިލަމަށް ފައިސާ ދެއްވާނެ ކަމަށެވެ. އެކަމުގައި ޖޭއެސްސީ އަށް ކުރެވޭނީ ކޮން ކަމެއްތޯ އޭނާ އެއްސެވި އެވެ.

އަލްހާން ވިދާޅުވި ގޮތުގައި ހައިލަމަށް ތުހުމަތުކުރާ 200،000ރ. އަކީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ނެގި ލޯނެކެވެ. ދެ މީހުންނަކީ ކުރީއްސުރެން ގާތް ރަހުމަތްތެރިން ކަމަށާއި އެ ފައިސާ ހައިލަމަށް ޓްރާންސްފާކޮށްފައި ވާނީ އޭނާގެ އެކައުންޓުން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި އޭނާ އަދި އާއިލާގެ އެއްވެސް މީހެއްގެ މައްސަލަ ވެސް ހައިލަމް ކުރިއަަކަށް ނުގެންދަވާ ކަމަށް ވިދާޅުވެ، ޖޭއެސްސީން އަމަލުކުރަމުންދާ ގޮތާ މެދު އަލްހާން ނުރުހުންފާޅުކުރެއްވި އެވެ.

ޝަރުއީ ދާއިރާ މިނިވަންކުރުމާއި ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި ސެމިނާއެއް ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ހައިލަމް ބައިވެރިވެވަޑައިގަންނަވަނީ---. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހައިލަމަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ، އޭނާ ސަސްޕެންޑްކުރުމަށް ފަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހުކުމް އިއްވަން އޮތް ދުވަހު، ހައިލަމަށް ފިޔަވަޅު އެޅީ، ނަސްރުގެ ދުވަހާ ދިމާކޮށް އޭނާ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ހެދި އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވާން ފޮނުއްވި ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަންހިންގުވާ މަންޒަރެވެ. އެ މެސެޖް ފޮނުވީ އެ ކުރެހުގައި ތިއްބެވީ ކޮން ބޭފުޅުންނެއް ކަން އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެ ހައިލަމް މާފަށް ވެސް އެދިވަޑައިގަތެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި އިސް ގާޒީ ހައިލަމާ އެކު އަލްހާން މިދިޔަ މެއި މަހުގެ ތެރޭގައި ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގިކަން ފާހަގަ ކުރެވޭ ކަމަށް ބުނެ ފުލުހުން ކޮމިޝަނަށް ސިޓީ ފޮނުވީ އިއްޔެ އެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެކަމުގެ މައުލޫމާތު މިދިޔަ ޖުލައި މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުންގެ ސަމާލު ކަމަށް އޮތީ ގެނެސްފަ އެވެ. އެކަމަކު އިއްޔެއާ ހަމައަށް ފުލުހުން އެކަން އެ ކޮމިޝަނަށް އަންގާފައި ނުވާތީ އެކަމުގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންވެ، އެކަން ބެލުމަށް މަޖިލީހާއި ރައީސްގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި އެދުމަށް ވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.