ސާބިއާ އިން ވަކިވެ 2008 ވަނަ އަހަރު ކޮސޯވޯ އިން އިއުލާނުކުރި ދައުލަތް ރާއްޖޭން ގަބޫލު ކުރެއްވުމަކީ ހެއްދެވުނު ގޯހެއް ކަމަށް، އޭރު ވެރިކަމުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮސޯވޯ އަކީ މިނިވަން ދައުލަތެއް ކަމަށް ރާއްޖޭން ގަބޫލުކުރީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ. އޭރުގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ. ގެ ރެޕަޓުއާ އަހުމަދު ޝަހީދު އެކަން ކުރެއްވީ ރިޝްވަތު ނަގައިގެން ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ފަރާތުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެކަން ހިނގައި ގޮސްފައިވާ ގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރަން އެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.

އެ ގަރާރާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ގަރާރަކީ ގާނޫނު އަސާސީގައި ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ތެރެއިން ވަނުން ކަމަށެވެ. އެހެންވެ އެއީ މަޖިލީހުގެ އެޖެންޑާގައި ހިމެނޭނެ މައްސަލައެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެގޮތަށް އާޒިމް ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެ ނުކުތާ ބަލައިގަންނަ ކަމަށެވެ. އެހެންކަމުން އެ ގަރާރާ ގުޅޭގޮތުން އަމީންއާންމާއި ކައުންސިލާ ޖެނެރަލާ މަޝްވަރާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެއަށްފަހު އެ މައްސަލާގެ ތަފްސީލެއް ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮސޯވޯ އަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެފައި ވުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ. ނަމަވެސް އެކަމުގައި ރިޝްވަތުގެ އަމަލެއް ހިނގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި އެއީ އެހާ ބުއްދިވެރިކަމެއް ނޫން. އެކަމަކު ސަތޭކައިން ސަތޭކަ އޭރު އަޅުގަނޑަށް އެނގިފައިވާގޮތުގައި ކޮސޯވޯގެ މިނިވަންކަން ދިވެހި ސަރުކާރުން ދިވެހި ދައުލަތުން ބަލައިގަތީ އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ވިސްނުމުގެ ބޭރުން އެހެން ކަމެއްގެ ތެރެއިން ކަމަށް އަޅުގަނޑަށް ދެކެން ވަރަށް އުނދަގޫ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާން ނިސްބަތްވާ އެމްޑީޕީ އާއި ސާބިއާއާ ގުޅޭ މިންވަރު އެންމެނަށް ވެސް އެނގޭނެ ކަމަށާއި އެހެންވެ ސާބިއާ ދޫކޮށް ނުވަތަ އެ ގައުމު ބޭނުންނުވާ އެހެން ގައުމަކާ އެކުގައި ހާރިޖީ ގުޅުން އުފައްދަން ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.