އައިއެސްގެ ލޯގޯ ޖަހަން މާއުނގޫދުއަށް ދިޔަ ދޯނި ހޯދިއްޖެ: އިމްރާން

ށ. މާއުނގޫދޫގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ދެނެގަނެވިފައި ކަމަށާއި އެމީހުން މިހާރު ތިބީ ކަނޑުމަތީގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލައިގައި އެ ރަށާ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ތިބި ފުލުހުން އެ ރަށަށް ގޮސް ތަހުގީގު ކުރި އިރު، އެކަން ކުރި ދޯނި ދެނެގަނެވިފައިވާ ކަމަށެވެ. އަދި ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމީހުން ހޯދުނުހާ އަވަހަށް އެމީހުންނާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން،" މާއުނގޫދޫގައި އައިއެސްގެ ލޯގޯ ކުރެހި މައްސަލައިގައި ފުލުހުން ފިޔަވަޅު ނާޅައި ލަސްކުރަނީ ކީއްވެތޯ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އެ ދޯނީގައި ތިބީ ކިތައް މީހުން ކަމެއް އަދި އެމީހުން ވީ ރާއްޖޭގެ ކިހާ ހިސާބެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެކުލަވާލި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އައިއެސް ހިމަނާފައިވާ އިރު، އެ ޖަމާއަތާ ގުޅިގެން މަސައްކަތް ކުރާ ދިވެހިން ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މާއުނގޫދޫ ކައުންސިލުން ބުނީ ދޯންޏެއްގައި ލަނޑާ ނަގަން އުޅުނު ބަޔަކު މާއުނގޫދުއަށް އަރައި 13 ވަރަކަށް ގޭގެ ފާރަށް އައިއެސްގެ ލޯގޯ ސްޕްރޭ ކޮށްފައިވާ ކަމަށެވެ. މި ކަން ކުރި މީހުން އައީ ރ. ދުވާފަރު ދޯންޏެއްގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތައް ޕްރޮމޯޓް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަންކަން ކުރާ މީހުން ޖަލަށްލެވޭ ގޮތަށް ގާނޫނު އޮތީ ފާސްކޮށްފަ އެވެ.