ސިޔާސީ ހުކުމެއް، މި ތިބީ ޔާމީންގެ ދިފާއުގައި: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު މަރާލަން އިންސާފުން ބޭރުން ކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.


ޔާމީނަށް އިއްވި މަނީ ލޯންޑްރިން ދައުވާގައި، ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މިއީ، އިދިކޮޅުން ސިފަކުރާ ގޮތުގައި، ސިޔާސީ ހުކުމެކެވެ.

ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދިޔައިރު އެ މަނިކުފާނުގެ ސަޕޯޓަރުން ކޯޓު ދޮށުގައި ތިބެ އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި އަޑު އުފުލަމުން ދިޔަ އެވެ. ފަސް އަހަރުގެ ހުކުމް އިއްވުމާ އެކު ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެކެވެ. އެއާ އެކު، އެއީ ސިޔާސީ ހުކުމެއް ކަމަށް ބުނެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކި އެވެ.

ކުރީގެ ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އެ ކޯޓުގެ ބޭރުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއަދަކީ ޕީޕީއެމާއި ޕީއެންސީ އަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ރައްޔިތުންނާއި ގައުމަށް ޚިދުމަތް ކުރެއްވި ލީޑަރު ޖަލަށް ލީ، މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އަޑު ކަނޑުވާލަން ނަމަވެސް އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން މިނިވަން ކުރަން އިދިކޮޅަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރާނެ އެވެ.

"ހިތްވަރު ދެރަ ނުވެ، ވަރުބަލި ނުވެ، އަޅުގަނޑުމެން ސާބިތުކަމާ އެކު ރައީސް ޔާމީންގެ ދިފާއުގައި ތިބޭނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޖުޑިޝަރީ މިހާރު އޮތީ ހައިޖެކްކޮށްފަ އެވެ. އެ ނިޒާމު ހިންގަމުން ދަނީ ގާނޫނީ އިމުން ބޭރުގައި ކަމަށް ވިދާޅުވި އެވެ.

ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން އެ ކޯޓުގެ ބޭރުގައި އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޔާމީން ޖަލަށް ލީ "ސިޔާސީ ހަސަދައެއް ފިލުވާލަން" ކަމަށެވެ. އެކަން އެގޮތަށް ކޮށްގެން ރާއްޖެ އަށް ލިބޭނެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ދިފާއުގައި އަޅުގަނޑުމެން މިތިބީ، އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިއްވީ ނާއިންސާފު ހުކުމެކެވެ. އެ މަނިކުފާނުގެ މައްޗަށް ކުރި ދައުވާ ސާބިތުކުރެވޭނެ ފަދަ އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަނާޅާ ކަމަށް ވިދާޅުވި އެވެ.

"އިންސާފެއް، އަދުލެއް ނެތް ހުކުމެއް. ހައްގަށް ލޯބިކުރާ އެއްވެސް ރައްޔިތަކު މި ހުކުމް ގަބޫލެއް ނުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ރޭ ވިދާޅުވެފައި ވަނީ، އަދުލުވެރި ޝަރީއަތެއް ކުރެވިއްޖެ ނަމަ އެމަނިކުފާނު ސަލާމަތް ވާނެ ކަމަށެވެ. އަދި ޝަރީއަތް އިންސާފުވެރި ނުވެއްޖެ ނަމަ ވެސް އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރަން އެދިވަޑައިގަތެވެ.