މުއުތަސިމާއި ސުއޫދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.


އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވި ކަން ރައީސް އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓުވީޓަކުންނެވެ. ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރުންނަށް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް އައްޔަން ކުރެއްވުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމަށް ފަހު އެވެ.

ޖޭއެސްސީން ރައީސަށް ލަފާ އެރުވީ ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފް އައްޔަން ކުރުމާ މެދު ޖޭއެސްސީން ރައީސަށް ލަފައެއް އަރުވައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.