ހައިލަމް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ކޮމެޓީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.


އިސް ގާޒީ ހައިލަމް ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ކުރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭނާ ފަނޑިޔާރުންކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު، ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ކޮމެޓީން މިއަދު ފާސްކުރީ އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންވެ، އެކަމާ މެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުން ފާސް ކޮށްގެންނެވެ.

ހައިލަމްގެ އިތުރުން އިތުރު ދެ މެޖިސްޓްރޭޓަކު ވެސް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ކުރިން ބެއްލެވި އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު އެވެ.

މިދިޔަ އަހަރު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ހައިލަމް ސަސްޕެންޑް ކުރުމާ އެކު، ފަސް ފަނޑިޔާރުންގެ ބެންޗަކުން ޔާމީންގެ މައްސަލަ ބެލުމަށް ފަހު މިދިޔަ ހަފުތާގައި ވަނީ ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހުކުމްކޮށްފަ އެވެ.