ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ރައީސް ޔާމީން (ކ) އާއި ޖޭޕީގެ ލީޑަރު ގާސިމް: 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން މިއަދު ނިންމި.---މިހާރު ފޮޓޯ
29 ސެޕްޓެމްބަރ 2016 - 17:41
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލުން މީގެ އިރުކޮޅެއް ކުރިން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ، އެ ބައްދަލުވުމަށް ވަޑައިގެންނެވި 18 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު އިންތިހާބަށް ޖޭޕީން ނެރޭނެ ކެންޑިޑޭޓެއް އަދި އެކަމާ ގުޅޭ ކަންކަން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ.
ޖޭޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ޕާޓީގެ ލީޑަރެވެ. އެކަމަކު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބަށް ވާދަނުކުރެވޭ ގޮތަށް، ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލިހުން ޖޫން 25، 2015 ގައި ގެނައި އިސްލާހުގެ ސަބަބުން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ގާސިމްގެ މިހާރުގެ އުމުރަކީ 65 އަހަރެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެ ޕާޓީ ތަމްސީލް ކުރައްވާނެ ބޭފުޅުން ވެސް ފާސްކޮށްފަ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދެވެ. މީގެ ތެރެއިން ހުސެއިން މުހައްމަދު މަޝްވަރާތަކަށް ވަޑައިގަންނަވާނީ، ރިޔާޒާއި އަލީ ހުސެއިންގެ ތެރެއިން ބޭފުޅަކަށް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ރިޔާޒް "މިހާރު" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް އިސްލާހު ކުރަން ޖޭޕީން ހުށަހަޅާނެ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވައިލުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ: ރިޔާސީ އިންތިހާބަށް ގާސިމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ބަދަލުކުރަން، މަޝްވަރާގައި ޖޭޕީން ހުށަހަޅާނެ ކަަމަށް ރިޔާޒް ވިދާޅުވި.---ފޮޓޯ: މަޖިލިސް
"އަޅުގަނޑުމެން މިހާރު މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައި. އެކަން ނިންމާފައި. އެހެންވީމާ މި ޕާޓީ ތެރޭގައި ހުންނެވި އެންމެ މަގުބޫލު ބޭފުޅަކަށް [ރިޔާސީ އިންތިހާބުން] ފުރުސަތު ލިބެން ޖެހޭނެ. އެއީ ޑިމޮކްރެޓިކް ހަމައަކީ،" ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަކަށް ވާނީ ގާސިމްކަން ދޭހަވާ ގޮތަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރަން ނިންމައި، އަދި އެ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖެއްސުމުގެ ވިސްނުން ކައުންސިލްގެ މެމްބަރުން ގެންގުޅޭއިރު، ސަރުކާރުން އައި އެކި ކަހަލަ ފިއްތުންތަކާ އެކު، އޭނާ ފަހަކަށް އައިސް ފެނިފައި ވަނީ ސަރުކާރަށް ސިޔާސީ ގޮތުން އެހީތެރިވާ ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުން ބޭނުންވާ ގޮތަށް، ޖޭޕީގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވަ އެވެ. އޭގެ ތެރޭގައި ގާސިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވަނީ އދ. ގެ މަންދޫބާއެކު ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ޝަރުތު ކުރުމުން ސަރުކާރުން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވީ އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް މިހާރު ހުންނެވީ ކުރު ޗުއްޓީއެއްގައި ކަމަށެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އަންނަ މަހުގެ މެދެއްހާ ހިސާބުގައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް މިބަލަނީ. އެހެންވީމަ އޭނާ ވަޑައިގަތުމާއެކު ސަރުކާރުން މަޝްވަރާ ފަށާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް/ގދ.ތިނަދޫ
01 October 2016
މިގައުމު މިހާރު މިއޮތް ހާލަތަށް ގެނައުމުގެ ހުރިހާ ޒިންމާއެއް މަނިކުފާނު ނަންގަވާނަމަ މަނިކުފާނަށް ނުވަތަ ވިދާޅުވާ މީހަކަށް އަޅުގަނޑު ވޯޓްދޭނަމެވެ. އެކަމަކު 2013 ގެ އިންތިޚާބު މަނިކުފާނު މޮޑެލިގޮތަށް ދެންމޮޑޭކަށް އިތުރަށް ފުރުސަތެއްދޭކަށް ނެތީމެވެ. ވަރަށް ސަލާމް.
ޖޭޕީ
30 September 2016
ތިއިއުލާނު ކުރީމަ މިހާރު ސަރުކާރުތެރޭތިބި ޖޭޕީއަށް ސަޕޯރޓް ކުރާ ވަޒީރުން އެއޮތީ ކާޑު އަގުބޮޑުކޮށް ރައްޔިތުން ރަތަށް އެރުވުމުގެ މަސައްކަތް ފަށައިފި..
އުމަރު
30 September 2016
ސިޔާސީ ކޮންމެ ޕާޓީއަކުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަންވާނެ، މިފަހަރު އެންމެ ރަނގަޅުވާނީ ޕީޕީއެމުންވެސް ޖުމްހޫރީޕާޓީންވެސް، ޖޭޕީންވެސް އަދި އެމްޑީޕީންވެސް ގުޅިގެން ކެނޑިޑޭޓެއް ނެރުނިއްޔާ، އެނޫންގޮތަކަށް 2018 ކާމިޔާބެއްނުވާނެ، އެހެންކަމުން ހުރިހައި ޕާޓީއަކުންވެސް އަމިއްލަ އެދުން ނައްތާލައި، ޤައުމާއިގެން ބައިނަލް އަގުވާމީ ކުރިއެރުމާއެކު ކުރިއަށް ދިއުމަށް ގައުމާއި ރައްޔިތުންގެ ހައްޤުގައި ކަންކަން ނިންމުމަށް ބާރުއެޅުން، ވެރިކަންކުރަން ވަރަށް ރަނގަޅުމީހުން އެބަތިބި
ދޮންދީނި
30 September 2016
ޙެޔޮނުވާނެ.....މިކޮމެންޓްތައް ވިދާޅުވުމަށް ކޮންމެވެސް ބޭފުޅަކު ޤާސިމަށް ދަންނަވާލަދީބަލަ.....ޕލޒޒޒޒޒޒޒ
ފިކުރު
30 September 2016
އަލީ ހުސެން އަކީ ރައީސްކަން ކުރައްވަންވެސް އަދި ޖުމުހުރީ ޕާޓީގެ މުސްތަގުބަލް ކޮށްޓަވަންވެސް ރަނގަޅު ބޭފުޅެއް. ރިޔާޒަކަށް އެއްވެސް އިތުބާރެއް ނެތް. ހުސެން ނިކުމެއްޖެނަމަ ކިތަންމެ ޒުވާނުނެއް ހުސެންގެ ފަހަތަށް އަރާނެ. އެމްޑީޕީއެއް/ޕީޕީއެމްއެއް ނުވާނެ އެއްޗަކަށް ހުސެންމެން ފަދަ ހުލްގު ރަނގަޅު ޒުވާނުންގެ ކުރިމަތީ!
ޙަސަން
30 September 2016
މިހާރު ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރޭވާހަކަ އިޢްލާނު ކުރުމުން ބަޔަކު ވަރަށް ކަންބޮޑުވެއްޖެ، މިމީހުނަށް ހީވާކަހަލަ ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާންޖެހެނީ ހަމައެކަނި އެބައިމީހުންގެ ކެނޑިޑޭޓު އެކަނިކަމަށް،! ބިރުދެއްކުމާއި މަލާމާތްކުރުމާއި ފުރައްސާރަކޮށގެންވެސް އެހެން ކެނޑިޑޭޓުންނަށް ފިއްތުންތައް އަންނާނެ!
އަލިދީދީއައްޑޫސިޓީ
30 September 2016
މިފަހަރު ކޮންމެ ގެއަކަށް އޭސީއަކާއި ޕީސީ އެއް ކަށަވަރުވާނެތާ!
heyobas
30 September 2016
މި ނިންމުން ޖޯކް އަކަށް ނުހެދުން ހުއްޓެވެ.ޖޭޕީގެ މަޤްސަދަކީ ޖޭޕީގެ ކެންޑިިޑޭޓް އަށް ރިޔާސީ ރޭސް ކާމިޔާބު ކުރުމެއް ނޫނެވެ. ޖޭޕީ ގެ މަޤްސަދަކީ ކަންކަން ބަދަލު ކޮށްލުމުގައި ބައިވެރި ވިމެވެ. މިއަށް ވުރެ ރަފަޅު ދިވަހެއް ހީދުމެވެ.ޖޭޕީ އިން މިގޮތަށް އިޢްލާނު ކުރި ހިނދުން ފެށިގެން މިހާރު ވެސް މަސްރަހް އަށް ލޮޅުމެއް އަރާފި އެވެ.
އިބޫ
30 September 2016
މާމިގިލި އެއަރޕޯޓް ޑޮމެސްޓިކް ވާން ކައިރި ވެއްޖެ
ގަޅިބެ
29 September 2016
މަބުނާނެ ވާހަކައެއްނެތް. އިންކަމް ޓެކްސް ނަގަން ޖެހެޔޭ ބުނާއިރަށް ނަން އަބުރާ ގެންނާތި.